ޚަބަރު

"ދިވެހިބަސް، ދިވެހި ޤައުމިއްޔަތުގެ ނާރެސް"


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސްކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގައި ކުރެވޭ ރަސްމީ އެންމެހައި މުޢާމަލާތްތަކުގައި ބޭނުންކުރާ ބަހަކީ ދިވެހިބަހެވެ. މިއީ ދިވެހިންގެ އަމިއްލަވަންތަކަމުގެ ވަރުގަދަ ރަމްޒެކެވެ. ޤައުމިއްޔަތުގެ މުހިންމު ބަހާއެކެވެ. ދިވެހިންގެ އަމިއްލަ ބަހަކީ ދިވެހިންގެ ޤައުމިއްޔަތާއި މިނިވަންކަން ރަމްޒުކޮށްދޭ އެންމެ ވަރުގަދަ އެއް ތަނބެވެ. ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ފައްޓަވާފައިވަނީ 2015 ވަނަ އަހަރުން ފެށިގެނެވެ. 

މި އަހަރުގެ ދިވެހި ބަހުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ދިވެހިބަސް، ދިވެހި ޤަޢުމިއްޔަތުގެ ނާރެސް" މިއެވެ.

ދިވެހި ބަހަށް ޙައްޤު އިޙްތިރާމާ ޤަދަރު އަދާކުރުމަކީ ދިވެހިންގެ ފަރުދީ އަދި ޤައުމީ ޒިންމާއެކެވެ. އަދި ދިވެހިބަސް ޙިމާޔަތްކޮށް، ރައްކާތެރިކޮށް، ދިރުވައި، ދަމަހައްޓައި ކުރިއަރުވައި، މުއްސަނދިކޮށް އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލްކޮށްދިނުމަކީ އެއިރެއްގެ ޖީލެއްގެ މައްޗަށް އޮތް ޤައުމީ އަދި ފަރުދީ މަސްއޫލިއްޔަތެކެވެ. ދިވެހި ބަސް އުފެދި، މުޢާމަލާތުކުރުމުގައި ބޭނުންކުރެވެންފެށި ހިސާބުން، މިއަދުގެ ޖީލާ ހަމައަށް އެބަސް ވާސިލްކޮށްދެއްވި އަޅުގަނޑުމެންގެ ކާފަބައިންގެ ޒިކުރާ އާކޮށް، ޙައްޤު ޝުކުރު އަދާކުރަންޖެހެއެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގައި، އެއް ސަޤާފަތާއި އަނެއް ސަޤާފަތާ، އެއްބަހާއި އަނެއް ބަހާ އެއްވެ، ބައެއް ބަސްތައް ނެތިގެން ހިނގައިދާނެކަމުގެ އިންޒާރު އދ.ގެ ތަޢުލީމާއި، ސަޤާފަތާއި، ސައިސްސާ ގުޅޭ ޖަމިއްޔާއިން ވަނީ ދީފައެވެ. ދިވެހި ޒުވާނުންގެ މެދުގައި ދިވެހި ބަހާމެދު ލޯބިޖެއްސުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާއިރު، ދިވެހި ބައެއް ޒުވާނުންގެ މެދުގައި ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނިކޮށްގެން ވާހަކަދެއްކުން މިހާރުވަނީ ޢާންމު ކަމަކަށްވެފައެވެ. އިތުރުބަސްތައް އުނގެނި ދަސްކުރުމަކީ މުހިންމުކަމަކަށް ވީނަމަވެސް، ބަހުގެ ރީތިކަމާއި، ފުރިހަމާއި، ޗާލުކަން ދައްކައިދެނީ ބަސް މަސްހުނި ކުރުމެއްނެތި، އެބަހެއްގެ އަސްލާ އެއްގޮތަށް މުއާމަލާތްކުރުމުންނެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޢަޒުމަކަށް ވާންވާނީ މުއާމަލާތު ކުރުމުގައި ދިވެހިބަސް އިސްކުރުމަށާއި، ދިވެހި ބަހުން މުހާތަބު ކުރުމުގައި އެހެން ބަސްތަކާ މަސްހުނި ކަމެއްނެތި މުހާތަބުކުރުމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހި ބަސް ކަމަށް ޤާނޫނު އަސާސީގައި ކަނޑައެޅިފައި އޮތުމުގެ އިތުރަށް ޤާނޫނީ ގޮތުން ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނެއްވެސް އެކަށައަޅައި އަންނަނީ ތަންފީޒުކުރަމުންނެވެ. މިޤާނޫނުގެ ދަށުން ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރެއްވުމާއި ދެމެހެއްޓެވުމުގެ މަސައްކަތް ކުރުމަށް ދިވެހިބަހުގެ އެކަޑަމީގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަވައި، އެމުއައްސަސާގެ މައްޗަށް ވަނީ މަތިކޮށްފައެވެ.

އަދި ދިވެހިބަހަށް ދިވެހި ދަރިން އަހުލުވެރިކުރުވައި، ބަހަށް ފަރިތަކުރުމަށްޓަކައި ދިވެހިބަސް ސްކޫލްތަކުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވައެވެ. އަދި ދިވެހިންގެ ޤައުމިއްޔަތުގެ މައިގަނޑު އެއް ތަނބުކަމުގައިވާ ދިވެހިބަސް ދިރުވައި އާލާކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރޭގައި ޚާއްޞަ އިސްކަމެއްދެއްވައެވެ.