ދުނިޔެ

މުނިފޫހިފިލުވުމުގެ ބޮޑު ސިޓީއެއް ސަޢޫދީގައި ތަރައްޤީކުރަނީ


ކުޅިވަރާއި މުނިފޫހިފިލުވުމަށް ޚާއްސަ ސިޓީއެއް ސަޢޫދީ އަރަބިއްޔާގައި ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމަށް ސަޢޫދީ ވަލީ އަޙްދުގެ ނައިބު، މުޙައްމަދު ބިން ސަލްމާން އާލް ސަޢޫދު ހާމަކުރައްވައިފިއެވެ. 

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގެ ދެކުނުން، 80 ހާސް ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރައްވާ މުނިފޫހިފިލުވުމުގެ ސިޓީއަކީ ދުނިޔޭގައި މިހާތަނަށް ތަރައްޤީކުރާ މިފަދަ ފުރަތަމަ ސިޓީއެކެވެ. އެމެރިކާގެ ލަސްވެގަސް ސިޓީއާ އެއްވަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރައްވާ މިސިޓީގައި ސަޤާފީ، ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ހިންގުމަށް ސަޢޫދީ ސަރުކާރުން ވަނީ ނިންމާފައެވެ. 

img:http://s4.psmnews.mv/images/660x400/14920761921564.jpg|ސައޫދީ އަރަބިއްޔާގެ ރިޔާޟް / މިތަނުގައި ތަރައްޤީކުރާ މުނިފޫހިފިލުވުމުގެ ސިޓީގައި ގިނަ ހަރަކާތްތަކެއް ހިންގާނެ

ރިޔާޟްގައި ތަރައްޤީކުރާ މިސިޓީއަކީ ކުރިއަށް އޮތް ޖީލުތަކުގެ މުނިފޫހިފިލުވުމާއި އިޖްތިމާއީ ބޭނުންތަކަށް ވަރަށް މުހިއްމު ބިނާއަކަށް ވެގެންދާނޭކަމަށް ސަޢޫދީ ވަލީއަޙުދުގެ ނައިބު، މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ. މުނިފޫހިފިލުވުމުގެ ސިޓީއަކީ، ސަޢޫދީން އިޢުލާންކޮށްފައިވާ 2030ގެ ތަސައްވުރުގައި ހިމެނޭ މަޝްރޫޢެކެވެ. ސަޢުދީން ދަނީ އިޤްތިޞާދަށް ބަދަލުތަކެއް ގެނެސް، ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް މިފަދަ ބައިވަރު މަޝްރޫޢުތަކެއް ހިންގަމުންނެވެ.

img:http://s2.psmnews.mv/images/660x400/14920762516923.jpg|ސައޫދީ އަރަބިއްޔާގެ ރިޔާޟް / ސައޫދީން ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް ދަނީ މަސައްކަތްކުރަމުން

މުނިފޫހިފިލުވުމުގެ ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާއިރު، ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2022 ވަނަ އަހަރަށް ނިންމާލެވޭނެއެވެ. މިސިޓީގައި ދުނިޔޭގެ މަޝްހޫރު ތީމް ޕާކްތައް ތަރައްޤީކުރާ ސިކްސް ފްލޭގުންވެސް ޕާކް ތަރައްޤީކުރާނެއެވެ. މުނިފޫހިފިލުވުމުގެ ސިޓީގައި ސިކްސް ފްލޭގުން ތަރައްޤީކުރާ ޕާކެއްގެ އަގު އުޅެނީ 300 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރާ ދެމެދުއެވެ. 

ސަޢޫދީން ހިންގާ މިބިޔަ މަޝްރޫޢަށް ޚަރަދުވާނީ ކިހާވަރެއްކަން ނޭގޭއިރު، މިމަޝްރޫޢަށް ޚަރަދުކުރަން  ހަމަޖެހިފައިވަނީ ސަޢޫދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި ބޭރާއި އެތެރޭގެ އިންވެސްޓަރުންކަމަށް ސަޢޫދީން ބުނެއެވެ.