ޔޫރޮޕާ ލީގުގެ ސެމީފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް ސެލްތަވީގޯއާ ވާދަކުރަން ޖެހިއްޖެއެވެ.
މެންޗެސްޓަރ ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގެ އިތުރު ވަގުތުގައި ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑާއެކު އެންޑަރލެކްޓް ބަލިކޮށްގެންނެވެ.
މިމެޗުގެ ނުވަދިހަ މިނެޓް ހަމަވިއިރު ދެޓީމްވެސް އެކެއް އެކަކުން އެއްވަރުވެ އެގްރިގޭޓުންވެސް އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފް ކުޅެގެންނެވެ. އިތުރު ވަގުތުގައި މެންޗަސްޓަރ މޮޅުކޮށްދިން ލަނޑު ޓީމުގެ ޒުވާން ފޯވާޑް ރަޝްފޯޑް ކާމިޔާބުކޮށްދިން އިރު، ޓީމުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗް ވަނީ މެޗުގައި އަނިޔާވެ ދަނޑުން ބާލާފައެވެ.
އިބްރާހިމޮވިޗްއާއި މަރކޮސް ރޮހޯއަށް ރޭގެ މެޗުގައި ލިބުނު އަނިޔާތަކަކީ ސީރިއަސް އަނިޔާއެއް ކަމަށް ބެލެވޭކަމަށް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މެންޗެސްޓަރގެ ކޯޗު ޚޯސޭ މޮރީނިއޯ ބުންޏެވެ.
އިބްރާހިމޮވިޗަކީ މިސީޒަންގެ މިހާތަނަށް މެންޗެސްޓަރއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިއާވެސްމެއެވެ.
އަނެއްކޮޅުން ރޮހޯ ދަނީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓީމުގެ ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
ރޮހޯގެ އިތުރުން ޓީމުގެ ފަހަތަށް ކުޅެމުންދާ ކްރިސް ސްމޯލިންގ އާއި ފިލް ޖޯންސްވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. މޮރީނިއޯ ވަނީ ޖޯންސް އާއި ސްމޯލިންގއަށް އަނިޔާއިން ރަނގަޅުވެ އަވަހަށް ޓީމާ ގުޅުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ގޮވާލާފައެވެ.
"ޖޯންސް އާއި ސްމޯލިންގ އެބަޖެހޭ ތަންކޮޅެ ކެރިގެން ފިޓްވާން މަސައްކަތް ކުރަން. ރިސްކް ނަގަންވީ ވަގުތަކީ މިއީ. އިތުރު ހިއްވަރެއްލައި މަސައްކަތްކޮށް މޭމަހުގެ މެދުތެރޭގެ ބަދަލުގައި މޭމަހުގެ ކުރީކޮޅު ކުޅެވޭ ވަރު ކުރަން އެބަޖެހޭ."