ތަޢުލީމު

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ވާހަކަދެއްކުމުގެ ބައްތިރީސް ވަނަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި މި މުބާރާތުން ވަނަވަނަ ހޯދި ދަރިވަރުންނަށާއި ވަނަވަނަ ހޯދި ސްކޫލްތަކާއި އެންމެ ގިނަ އެސްއެމްއެސް ލިބިގެން ވަނަވަނަ އަށް އައި ކުދިންނަށް އިނާމާއި ހަނދާނީ ލިޔުންދީފައިވެއެވެ. މީގެއިތުރުން ކޮންމެ ސްކޫލަކުން ބައިވެރިވި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ދަރިވަރަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުންދީފައެވެ.

މި މުބާރާތުން ތޭރަ އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ މަރިޔަމް ލީމް އަބޫބަކުރުއެވެ. ތޭރަ އަހަރާއި ސޯޅަ އަހަރާއި ދެމެދުގެ އުމުރުފުރާއިން ކަލާފާނު ސްކޫލްގެ މަރިޔަމް ޝައިފާ ރަޝީދު އެއްވަނަ ހޯދިއިރު ސޯޅަ އަހަރާއި އެކާވީސް އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދީ ސީއެޗްއެސްއީގެ އައިޝަތު މަލްހާއެވެ. މަތީތައުލީމް ދޭ މަރުކަޒްތަކުން އެއްވަނަ ހޯދީ ޤައުމީ ޔުނިވަރސިޓީގެ ޢަލީ އަމީރުއެވެ. 

img:http://s4.psmnews.mv/images/660x400/14919718730690.jpg|ވާހަކަދެއްކުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓ÷ޯ: ޕީއެސްްއެމް

ވާހަކަދެއްކުމުގެ ބައްތިރީސް ވަނަ މުބާރާތުގެ ތޭރަ އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ ހޯދީ ކަލާފާނު ސްކޫލްއެވެ. މިއީ އެސްކޫލް މިއުމުރު ފުރައިން ޖެހިޖެހިގެން 1 ވަނަ ހޯދި ތިން ވަނަ ފަހަރެވެ. ތޭރަ އަހަރާއި ސޯޅައަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ. ސޯޅައަހަރާއި އެކާވީސް އަހަރުން ދަށުގެ އުމުރުފުރައިން ސީއެޗްއެސްއީ އެއްވަނަ ހޯދިއިރު މަތީ ތައުލީމްދޭ މަރުކަޒްތަކުން އެއްވަނަ ހޯދީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެވެ.

އެންމެ ގިނަ އެސްއެމްއެސް ލިބިގެން ވަނަވަނަ ހޯދި ދަރިވަރުންނަށް ބަލާއިރު، ތޭރަ އަހަރުން ދަށުގެ އުމުރުފުރައިން އެސްއެމްއެސްއިން އެއްވަނަ ހޯދީ، ދަރުމަވަންތަ ސްކޫލްގެ މަރިޔަމް ނީހާ މުފީދުއެވެ. ތޭރަ އަހަރާއި ސޯޅަ އަހަރާއި ދެމެދުން އެސްއެމްއެސްއިން އެއްވަނަ ހޯދީ، ޖަމާލުއްދީން ސްކޫލްގެ އައިޝަތު އިފާއެވެ. ސޯޅަ އަހަރާއި އެކާވީސް އަހަރާ ދެމެދުގެ އުމުރުފުރައިން މިބައިން އެއްވަނަ ހޯދީ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ހުމާމް ޝަރީފްއެވެ. އަދި މަތީތަޢުލީމްދޭ މަރުކަޒްތަކުން އެސްއެމްއެސްއިން އެއްވަނަ ހޯދީ ޖައިޝާން ޝާހިދުއެވެ. ކޮންމެ އުމުރު ފުރައަކުން އެންމެ ގިނަ އެސްއެސްއެސް ލިބުނު ތިން ދަރިވަރުންނަށް ވަނީ އިނާމް ދީފައެވެ.