ތަރައްްޤީ

މަހާ ޖައްރާފް ގެނައުމާއެކު ބިން ހިއްކުން މާބޮޑަށްވެސް ހަލުއިވާނެ


ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އިތުރު ހަލުވި ކަމެއް ގެނައުމުގެ ގޮތުން، "މަހާ ޖައްރާފު" ބަންނަން ފަށާފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ޑްރެޖަރ ބަނދެ ނިންމައި، މި އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވަނީ ބާލާފައެވެ. "މަހާ ޖައްރާފް" ރާއްޖެ ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްޓީސީން މިހާރު ވަނީ ފަށާފައެވެ. 

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، އަންނަ މަހުގެ ކުރީކޮޅު މަހާ ޖައްރާފް ރާއްޖެ ގެންނާނެކަމަށެވެ. ކޮންސަލްޓެންޓްގެ އެޕްރޫވަލް ލިބުނުހާ އަވަހަކަށް މަހާ ޖައްރާފު ރާއްޖެއަށް މިސްރާބު ޖަހާނެކަމަށާ، މުސްތަގްބަލުގައި ރާއްޖޭގެ ރަށްރަށުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުތަކަށް މިއާއެކު އިތުރަށް ހަލުވިކަމެއް ލިބޭނެކަން ހުޝާމް ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14919096082497.jpg|އެމްޓީސީސީގެ ބިން ހިއްކާ ޑްރެޖަރ، މަހާ ޖައްރާފު / ފޮޓޯ: އެމްޓީސީސީ

މަހާ ޖައްރާފު"އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަންހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުރެއެވެ. އަދި މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ޑްރެޖަރ ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު ނުވަތަ 555 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ޑްރެޖަރ ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.