ޚަބަރު

މަރުގެ މައްސަލަ ރަނގަޅަށް ތަހްޤީޤުކުރުމަށް ކޯޓުން އަމުރުކޮށްފި


މިދިޔަމަހުގެ ފަހުކޮޅު ބަންގްލަދޭޝްގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލަ ރަނގަޅަށް ތަހުޤީޤް ކުރުމަށް ބަންގްލަދޭޝް ފުލުހުންގެ މައްޗަށް އެޤައުމުގެ ރާޖްޝަހީ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފިއެވެ.

ރާޖްޝާހީ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ، ރައުދާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ރައުދާ އަމިއްލައަށް މަރުވީކަމަށް ފެންނާނެ ކަހަލަ ގޮތަކަށް ކަމަށް ބުނެ ރައުދާގެ އާއިލާގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެނެވެ.

ރައުދާގެ ބައްޕަ ޑރ. މުޙައްމަދު އާތިފްއާ ހަވާލާދީ ބަންގްލަދޭޝްގެ މީޑިއާތަކުގައި ބުނެފައިވަނީ ރައުދާގެ މަރުގެ މައްސަލަ ޢާއިލާއިން ކޯޓަށް ހުށަހަޅާފައިވާއިރު، ވަކީލުންގެ ޓީމުން ކޯޓަށް ހެކިތަކެއްވެސް ހުށަހަޅާފައިވާނެކަމަށެވެ. ރައުދާ މަރުވީ އަމިއްލައަށް ނޫންކަން ސާބިތުވާވަރުގެ ހެކިތަކެއް އެބަހުރިކަމަށާ، އޭނާގެ ކަރުގައި ހިފައި މަރާލާފައިވާ ކަމުގެ ނިޝާންތައްވެސް ފެންނަން ހުރި ކަމަށް ރައުދާގެ ބައްޕައާ ހަވާލާދީ ބަންގްލަދޭޝްގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ފުލުހުންގެ މައްޗަށް ބަންގްލަދޭޝްގެ ރާޖްޝާހީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރަށް ބަލާއިރު، އެއީ ހަމައެކަނި ރައުދާ މަރުވި މައްސަލަ ފުރިހަމައަށް ތަހުގީގް ކުރުމަށްކުރި އަމުރެއް ނޫންކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މިމައްސަލާގައި ފުރިހަމަ ތަހުގީގެއް ހިންގުމަށްފަހު ބަޔާންތައް ކޯޓަށް ހުށަހަޅަންވެސް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ރައުދާގެ ބައްޕައާ ހަވާލާދީ ބަންގްލަދޭޝްގެ މީޑިއާތަކުގައި ބުނެފައި ވަނީ މިޙާދިސާއާ ގުޅިގެން އެތައް ބަޔަކު އެތައް ގޮތަކަށް ސުވާލު އުފައްދަމުން އަންނައިރު އެކަމުގައި ބަންގްލަދޭޝްގެ ފުލުހުން އިހުމާލުވެފައިވާ ކަމަށް ޢާއިލާއިން ދެކޭކަމަށެވެ. ރައުދާގެ މަރާ ގުޅިގެން އޭނާއާއެކު ކޮލެޖުގައި އެންމެ ގާތްކޮށް އުޅުނު އެކުވެރިޔަކަށް ރައުދާގެ އާއިލާއިން އަންނަނީ ތުހުމަތު ކުރަމުނެވެ. ޢާއިލާގެ ތުހުމަތާއެކު ބަންގްލަދޭޝްގެ ފުލުހުން ވަނީ ރައުދާގެ އެކުވެރިޔާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ ފޯނުންވެސް ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ ބައެއް މަޢުލޫމާތުތައް ފުލުހުން ވަނީ ހޯދާފައެވެ.

ރައުދާގެ ބައްޕައާ ހަވާލާދީ ބަންގްލަދޭޝްގެ މީޑިއާތަކުގައި ބުނެފައި ވަނީ ރައުދާގެ އެކުވެރިޔާ އޭނާއަށް ކުރިން ނިދާ ބޭސް ކާންދޭން މަސައްކަތް ކޮށްފައިވާކަން އެނގިފައިވާކަމަށާ، އެކުވެރިޔާއާއި ރައުދާއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާކަންވެސް އެނގިފައިވާކަމަށެވެ.

ރައުދާ ޢާޠިފަކީ ބަންގްލަދޭޝްގައި ޑޮކްޓަރކަން ކިޔަވަމުންދިޔަ ދަރިވަރެކެވެ. މިދިޔަ މަހުގެ ފަހުކޮޅު އޭނާ މަރުވެފައި އޮއްވައި ފެނުމާގުޅިގެން އެތައް ބަޔަކު އަންނަނީ ތަފާތު އެތައް ސުވާލުތަކެއް އުފައްދަމުންނެވެ. އެ މައްސަލާގައި ބަންގްލަދޭޝްގެ ފުލުހުން އެންމެފުރަތަމަވެސް ބުނެފައިވަނީ ރައުދާ އަމިއްލައަށް މަރުވީ ކަމަށެވެ.