ދީން

ޙައްޖު ކޯޕަރޭޝަނުން ޚާއްޞަ ދަތުރެއް ތަޢާރަފް ކޮށްފި


ކަލްޗަރަލް ޓުއަރއެއްގެ ގޮތުގައި މުސްލިމުންގެ މުޤައްދަސް ބިންތަކަށް ޒިޔާރަތްކުރެވޭ ދަތުރެއް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ދަތުރު އޮންނާނީ އަންނަ ޑިސެމްބަރ މަހުކަމަށެވެ. މި ދަތުރުގައި ސަޢޫދީ ޢަރަބިއްޔާއާއި، އުރުދުން، ފަލަސްޠީން އަދި މިސްރަށް ޒިޔާރަތްކުރާނެއެވެ. އަދި މި ޤައުމުތަކުގައި ހުންނަ މުހިއްމު ތާރީޚީ އަދި ސަޤާފީ ތަންތަން ބަލާލުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މި ދަތުރަށް ފައިސާދެއްކުމަށް 3 ޕެކޭޖެއް ހައްޖު ކޯޕަރޭޝަނުން އެކުލަވާލާފައިވާއިރު ފުރަތަމަ ޕެކޭޖް ފިޔަވާ ދެން އޮތް އަނެއް 2 ޕެކޭޖުން އުމްރާކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި ދަތުރުތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި ކޯޕަރޭޝަނުންނާއި އިސްލާމިކް ބޭންކުގެ ބްރާންޗްތަކުގެ އިތުރުން އޮންލައިން ޕޯޓަލް މެދުވެރިކޮށްވެސް ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.