ޚަބަރު

ޤާސިމް އިބްރާހީމާއި ޢަބްދުﷲ ރިޔާޒުގެ މައްޗަށް ދަޢުވާ އުފުލައިފި


ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ތިން ދައުވާއެއް އުފުލައިފިއެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރައްވާ މި ދަޢުވާތައް މިހަރުވަނީ ކުރމިނަލްކޯޓަށް ހުށައަޅުއްވާފައެވެ. ޤާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހުށައަޅަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށުގެ ދަޢުވާއާއި، ވޯޓް ދޭންހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާއެވެ. 

ރިޝްވަތު ދޭން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތިވެއްޖެނަމަ އެ ކުށަށް ދެވެނޭ އެންމެ ބޮޑު އަދަބަކީ އަށްއަހަރަށް ޖަލަށްލުމެވެ. ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒު ފޯރުވުމާއި  ވޯޓް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށްލުމެވެ. 

މި ކުށްތައް ޤާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވެއްޖެނަމަ އެނާ ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ  މާމިގިލީ ދާއިރާގެ ގޮނޑި އޭނާއަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެެ. 

ޤާސިމްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވާއިރު އެނާ މިހާރުވެސް ހުންނެވީ ތަހުޤީޤަށް ފުލުހުންގެ ބަންދުގައި ދޫނިދޫގައެވެެ. 

މިދިޔަ ބުރާސްފަތިދުވަހުގެރޭ ކޯޓް އަމުރެއްގެ ދަށުން ޤާސިމް އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޮޑު 4 ކުށެއްގެ ތުހުމަތުގައެވެ. އޭގެތެރޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތްކުރިކަމުގެ ތުހުމަތު ހިމެނެއެވެ. ގާސިމްގެ ބަންދަށް ކުރިމިނަލްކޯޓުން އިތުރުކޮށްދެއްވި ހަ ދުވަސް މިއަދަށް ހަމަވާނެއެވެ. 

img:http://s3.psmnews.mv/images/660x400/9321.jpg|ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް - ފޮޓޯ: މަޖިލިސް ފައިލް

ޤާސިމް އިބްރާހިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒްގެ މައްޗަށްވެސް ދަޢުވާކުރުމަށް ދައުލަތުން ވަނީ ކުރިމިނަލްކޯޓަށް ހުށައަޅުއްވާފައެވެ. 

ރިޔާޒް މައްޗަށް ދަޢުވާ އުފުލައިވަނީ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް  ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.