ތަރައްްޤީ

ކާށިދޫގެ ޖަލުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެތެރޭ ފަށަނީ


ކާށިދޫގައި ޤާއިމްކުރައްވާ ޖަލުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ފަށްޓަވާނެ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ކ.ކާށިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، ޕްރިފެބްކޮށްގެން ހަދާ މި ޖަލުގެ ބައިތައް މިހާރު ޗައިނާގައި ނިމިފައިވާކަމަށެވެ. އަދި އެކަމަށް ދިވެހި ސަރުކާރުން ދައްކަވަންޖެހޭ ފައިސާވެސް ދައްކަވައި ނިމިފައިވާ ކަމަށާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހިމެނިވަޑައިގަންނަވާ ގޮތަށް ޚާއްޞަ ޓީމެއް ޕްރިފެބް ކޮށްފައިވާ ޑިޒައިންގެ ކޮލިޓީއާއި ސެކިއުރިޓީ ކަންކަން ބެލުމަށް މިހާރު ޗައިނާއަށް ފޮނުއްވާފައިވާކަމަށެވެ.

ޑިޒައިންގައި އެއްވެސް މައްސަލައެއް ނެތްނަމަ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޖަލު ރޭވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 600 މީހުންގެ ޖާގައިގެ މި ޖަލާއެކު އެރަށުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، ރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުން ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކާށިދޫގައި ޖަލު ޤާއިމްކުރެއްވުމަށް ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވެއެވެ.