ތަރައްްޤީ

ކާށިދޫގެ ނެރު ހެދުމުގެ މަސައްކަތް މި އަހަރުގެ ތެރޭ ފަށަނީ


މާލެއަތޮޅު ކާށިދޫ ނެރު ހެދުމުގެ މަސައްކަތް މި އަހަރުގެ ތެރޭ ފަށްޓަވާނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކ.ކާށިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ކާށިދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށުގެ ނެރު ހެދުމުގެ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށެވެ.

ނެރު ހެއްދެވުމަށް މިހާރު ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ނެރު ހެއްދެވުމުގެ މަޝްރޫޢަށް ކުރިމަތިލާފައިވާ ފަރާތްތަކުން މާރޗް މަހުގެ 30 ވަނަދުވަހު ބިޑް ހުށަހަޅާފައިވާކަމަށެވެ. އަދި ބިޑްތައް އިވެލުއޭޓްކޮށް ނިމުނުހާ އަވަހަކަށް މަޝްރޫޢު ކުރިއަށް ގެންދެވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ކާށިދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. ކާށިދޫއަކީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ ރަށެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކާށިދޫ ނެރަކީ ރާއްޖޭގައި ހައްދަވާ އެންމެ ދިގު އެއް ނެރަށް ވެގެންދާނެކަމަށް.

ކާށިދޫ ނެރު ހެއްދެވުމަށް މި އަހަރުގެ ބަޖެޓުގައި، 4.9 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ.