ޚަބަރު

ރެއިން ކްރެސްޓް ރެސިޑެންސްގެ އެޕާޓްމަންޓްތައް ލޯންޗުކޮށްފި


ރެއިންބޯ ކޮންސްޓްރަކްޝަނާއި އިންޑިޔާ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުނިން ހުޅުމާލޭގައި ތަރައްޤީކުރާ 136 އެޕާޓްމަންޓް ކޮމްޕްލެކްސް ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

"ރެއިން ކްރެސްޓް ރެސިޑެންސް" ރަސްމީކޮށް ލޯންޗްކުރީ، މިކަމަށްޓަކައި ރޭ އާރޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ، އާއި ރެއިންބޯ ސިންގހާލް ޑިވެލޮޕަރސްގެ ޑިރެކްޓަރ މާޒިން އިބްރާހީމް ރަފީޤް އަދި ޑިރެކްޓަރ ނަވީން ގުޕްތާއެވެ.

ރެއިންބޯ ކޮންސްޓްރަކްޝަންއާއި އިންޑިޔާގެ ސިންގހާލް އިންޖިނިއަރިންގ ކުންފުނިންގ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުނި ރެއިންބޯ ސިންގހާލް ޑިވެލޮޕަރސްއިން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 136 އެޕާޓްމަންޓެވެ.

ހުޅުމާލޭ ތަރައްޤީކުރާ 136 އެޕާޓްމަންޓް ބުކްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި 1 ކޮޓަރީގެ 44 އެޕާޓްމަންޓާއި 2 ކޮޓަރިއާއެކު މެއިޑް ރޫމް ހިމެނޭ 44 އެޕާޓްމަންޓާއި، 3 ކޮޓަރީގެ 33 އެޕާޓްމަންޓާއި، 3 ކޮޓަރިއާއެކު މެއިޑް ރޫމް ހިމެނޭ 11 އެޕާޓްމަންޓް ހުރެއެވެ. އަދި 4 ޕެންޓް ހައުސްވެސް ހިމެނެއެވެ. މި އެޕާޓްމަންޓްތަކުގެ އަގުތަކަށް ބަލާއިރު، 1 ކޮޓަރި އެޕާޓްމަންޓްތަކުގެ އަގަކީ 1 މިލިއަނާއި، 1.6 މިލިއަން ރުފިޔާއާ ދެމެދެވެ. 

img:http://s3.psmnews.mv/images/660x400/14915422747634.jpg|ރެއިން ކްރެސްޓް ރެސިޑެންސް ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ވާހަކަފުޅުދައްކަވަނީ ފޮޓޯ: ޕީއެަސްއެމް

2 ކޮޓަރިއާއެކު މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓްތައް ވިއްކުމަށް ނިންމާފައިވަނީ 2.3 މިލިއަނާއި، 2.9 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހުރީ 2.4 މިލިއަނުން ފެށިގެން 3.5 މިލިއަން ރުފިޔާއާ ހަމައަށެވެ. 3 ކޮޓަރިއާއެކު މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓްތަކުގެ އަގަކީ 3.5 މިލިއަނާއި، 3.9 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ. މިފައިސާ 24 މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ.

"ރެއިން ކްރެސްޓް ރެސިޑެންސް" ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ ތެރެއިން އުފެދިގެންދާ މިފަދަ ޖޮއިންޓްވެންޗަރ ކުންފުނިތަކުން އެކުގައި މަސައްކަތްކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދެވޭނެކަމަށެވެ. މިގޮތުން މަސައްކަތްކުރުމުގައި ދެފަރާތުން އެއްބާރުލުން ދީގެން ކުރެވިދާނެ މަސައްކަތްތައް ސަފީރު ފާހަގަކުރެއްވިއެވެ.

"ދިވެހި ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ ދާއިރާއިން ދިވެހިން ބޭނުންވާނެ ކަންކަމާއި ގުޅޭ މަޢުލޫމާތު ދެވޭނެ. އަދި އިންޑިޔާގެ ކުންފުނިތަކަށް މިކަންކުރުމުގައި ދިވެހިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށްދެވޭނެ." މިޝްރާ ވިދާޅުވިއެވެ.

ރެއިންބޯ ސިންގހާލް ޑިވެލޮޕަރސްގެ ޑިރެކްޓަރ މާޒިން އިބްރާހީމް ރަފީޤް ވިދާޅުވީ އެޕާޓްމަންޓްތައް ތަރައްޤީ ކުރެވިގެންދާނީ ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށްކަމަށެވެ. ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ޢިމާރާތްކުރާ އެޕާޓްމަންޓްތައް ޑިޒައިންކުރުމަށް ހަމަޖެހިފައިވަނީ 14 ފަންގިފިލާއަށް، 2 ޓަވަރަކަށް ޑިޒައިންކޮށްގެނެވެ. މިއެޕާޓްމަންޓް ކޮމްޕްލެކްސް ތަރައްޤީ ކުރެވިގެންދާނީ ޕާކްކުރުމަށް ޚާއްސަ ސަރަޙައްދަކާއި، ކުޑަކުދިންނަށް ޚާއްސަ ސަރަޙައްދަކާއި، ޖިމްއާއި ސްވިމިންގ ޕޫލްއެއް ހިމެނޭގޮތަށެވެ.