ތިމާވެށި

ވެމްކޯގެ ސައުތް ރީޖަނަލް އޮފީސް ހުޅުވައިފި


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ސައުތް ރީޖަނަލް އޮފީސް ހިތަދޫގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯގެ ދެކުނު ސަރަޙައްދީ އޮފީސް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއެވެ.

ވެމްކޯގެ ދެކުނު ސަރަޙައްދީ އޮފީހުން އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރެވިގެންދާނެކަމަށް ވެމްކޯ އިން މަޢުލޫމާތުދެއެވެ. މިގޮތުން ވެމްކޯ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާފައެވެ. ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ދުވަހު މަހަކު ސަތޭކަ ރުފިޔާގެ ރޭޓުންނެވެ. މިޚިދުމަތް ދިނުމަށްޓަކައި ކުނި ނެގުމަށް ޚާއްސަކޮށްފައިވާ ކޮމްޕެކްޓަރ އައްޑޫއަށް ގެނެސްފައިވާކަމަށް ވެމްކޯ އިން މަޢުލޫމާތުދެއެވެ.

img:http://s2.psmnews.mv/images/660x400/14914933873748.jpg|ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ފުއާދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ވެމްކޯ

މީގެ އިތުރަށް ފުވައްމުލަކުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ވެމްކޯ އިން ހަވާލުވެގެން ކުރިއަށްގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. ވެމްކޯގެ ދެކުނު ސަރަޙައްދީ އޮފީސް ޤާއިމުވެގެންދިއުމާއެކު އައްޑޫ އާއި ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ވެމްކޯ ދެކުނު ސަރަޙައްދީ އޮފީހުގެ ފެސިލިޓީޒް މެނޭޖަރ އަބްދުﷲ ނާފިޒް ވިދާޅުވިއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖްލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވީ، ދެކުނު ވެމްކޯގެ، ދެކުނު ސަރަޙައްދުގެ އޮފީސް ހުޅުވިގެންދިއުމާއެކު އެސަރަޙައްދުގެ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުވެ އެސަރަޙައްދު ވެގެންދާނީ ރީތިވެށްޓެއް ޤާއިމުވެފައިވާ ސަރަޙައްދެއްގެ ގޮތުގައިކަމަށެވެ. އަދި އެސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މެމްބަރު އިބްރާހީމް ދީދީ ފާހަގަކުރެއްވިއެވެ.