ދީން

ސޫދާނުގެ ޢާއްމު ފަތުވާ މަޖިލީހުގެ ރައީސްގެ ދަރުސެއް ބާއްވައިފި


ސޫދާނުގެ ޢާއްމު ފަތުވާ މަޖިލީހުގެ ރައީސް ޑރ.ޢަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމްގެ ދަރުސެއް އިސްލާމީ މަރުކަޒުގައި ބާއްވައިފިއެވެ.

މިރޭ މަޣްރިބް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޭނާ ދަރުސް ދެއްވާފައިވަނީ "އިސްލާމްދީނަކީ ޙައްޤުދީން" މި މައުޞޫއަށެވެ.

މި ދަރުސްގައި މާތް ﷲއަށް އަޅުކަން ކުރުމާއި، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ހެވާއި ދަރުމައަށް އެދި ދުޢާކުރުމުގެ މައްޗަށް އޭނާވަނީ ތަޤުރީރުކުރައްވާފައެވެ. އެގޮތުން ރަސޫލުﷲ ސައްލައްﷲ އަލައިހިވަސައްލަމްގެ ސީރަތުން ފެންނަން ހުރި ރީތި ޙާދިޘާތަކުން އެމަނިކުފާނު މިސާލުދެއްކެވިއެވެ.

ޑރ. ޢަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމް ރާއްޖެ ވަޑައިގަތީ އިސްލާމިކް މިނިސްޓްރީން ހިންގަވާ ޚާއްސަ ޕްރޮގްރާމެއްގައި ބައިވެރިވުމަށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ދެއްވި ދަޢުވަތަކަށެވެ.

އޭނާގެ މިދަތުރުފުޅުގައި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި، ޢިމާމުންނާއި ޚަތީބުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.