ސިޔާސީ

ޕީޕީއެމްއާ އަލަށް 1000 އަށްވުރެ ގިނަ މެމްބަރުން ގުޅިއްޖެ


ޕީޕީއެމްއާ އަލަށް 1000 އަށްވުރެ ގިނަ މެމްބަރުން ގުޅިއްޖެއެވެ.

ޕީޕިއެމްއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ޕީޕިއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކުރައްވާފައިވަނީ، ޕީޕީއެމްއިން މިކަމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ. ޕީޕިއެމްއާ އަލަށް ގުޅުނު މީހުންގެ ތެރޭގައި އެކި ޖަމްޢިއްޔާތަކާއި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ. އޭގެތެރޭގައި އިދިކޮޅު ސިޔާސީ ޕާޓިތަކުގެ މެމްބަރުންވެސް ހިމެނެއެވެ.

މި ޖަލްސާގައި ޕީޕީއެމްގެ ނާއިބް ލީޑަރ އަބްދުއްރަހީމް އަބްދުﷲ އާއި އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ފަލާހް ދެއްކެވި ވާހަކަފުޅުގައި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

މިރޭގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޔާމީނުގެ ތަފާތަކީ އެމަނިކުފާނު ދިވެހި ޤައުމިއްޔަތު ޙިމާޔަތް ކުރައްވާނެކަމަށާ ދިވެހިރާއްޖޭގެ އިޤުތިޞާދު މުޅި ދުނިޔެއަށް ހުޅުވާލެއްވި މިފަދަ އެހެން ވެރިއަކު ރާއްޖެ ދެކެފައި ނުވާކަމަށެވެ. 

އެހެންނަމަވެސް ޤައުމު ފަސާދަ އެއްގެ ތެރެއަށް ވައްޓާލައި ހަލަބޮލި ކޮށްލަން ފުރުސަތެއް ނުދެވޭނެކަމަށާ، ރައީސް ޔާމީންގެ ދިފާޢުގައި އޭނާ ވާހަކަފުޅުދައްކަވަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށާއި މިއީ ވަޒީފާއެއް ނުވަތަ އެހެން އެއްވެސް އެއްޗެއް ބޭނުންވެގެން ދައްކަވާ ވާހަކަފުޅެއް ނޫންކަމަށް ސަޢީދު ވިދާޅުވިއެވެ.