ތަރައްްޤީ

ދޮގު މަޢުލޫމާތު ނުފެތުރުމަށް މީރާއިން ގޮވާލައްވައިފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ނުފެތުރުމަށް ގޮވާލާ މީރާއިން ބަޔާނެއް ނެރުއްވައިފިއެވެ.

މީރާއިން ނެރުއްވި ނޫސްބަޔާން ތިރީގައި މިވަނީއެވެ.

****

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅޭގޮތުން ޢާއްމުންނަށް އޮޅޭފަދަ ގޮތަކަށް ޓެކްސްޕޭޔަރުންނާއި އާއްމު ރައްޔިތުންނަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަން ސާފު ކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

މި އޮތޯރިޓީއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން 2010 ވަނަ އަހަރު އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. މި އޮތޯރިޓީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އެކިފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ދައުލަތުގެ އެހެން އިދާރާތަކުން އެކިފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުމާއި ގަވާއިދުން ފައިސާ ނުދައްކާނަމަ، އެފައިސާ ހޯދުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

ޓެކްސްގެ ޤާނޫނުތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާއާ ޚިލާފަށް، ދައުލަތުގެ އެހެނިހެން އިދާރާތަކުން ތަންފީޒުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާއާއި، ދައުލަތުގެ އެހެނިހެން އިދާރާތަކާ ޢާއްމު ފަރާތްތަކާއެކުވެވޭ އެއްބަސްވުންތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދާއި ޖޫރިމަނާ ކަނޑައެޅުމާއި އެފައިސާ ދައްކަންޖެހޭގޮތް ހަމަޖައްސުމުގެ ބާރު އޮންނަނީ ސީދާ އެއިދާރާއަކަށެވެ. މިފަދަ ޙާލަތްތަކުގައި މީރާގެ ދައުރަކީ ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެމަތިން އެފައިސާ ބަލައިގަތުމާއި ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިގޮތުން ފައިސާ ހޯދުމުގައާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މީރާއިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށެވެ.

ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން ފިޔަވަޅު އަޅަމުން ގެންދަނީ ދެންނެވުނު އެންފޯސްމަންޓް ޕޮލިސީގައި ބަޔާން ކޮށްފައިވާ މަރުހަލާ ތަކުގެ ތެރެއިން ހަމަހަމަ ގޮތެއްގައެވެ. ވިޔަފާރީގެ ބާވަތާއި، ސައިޒާއި، ދައްކަންޖެހޭ ފައިސާގެ ބާވަތާއި، ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ހައިސިއްޔަތުތަކަށް ބިނާކޮށް މީރާއިން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެއެވެ. މިދެންނެވި ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ އެހެން އިދާރާތަކުން ޓެކްސްޕޭޔަރުންނަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް ހުއްޓުވުމާއި، އެފަރާތްތަކުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމާއި އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމާއި ކޯޓުމެދުވެރިކޮށް އެފަރާތްތަކުގެ މުދާ ދައުލަތަށް ނެގުން ހިމެނެއެވެ.

ދެންނެވުނު އެންފޯސްމަންޓް ޕޮލިސީގެ ދަށުން މިއަހަރުގެ ޖަނަވަރީން މިހާތަނަށް 1,824 ފަރާތަކާމެދުވަނީ ފިޔަވަޅު އަޅައިފައެވެ. އޭގެތެރޭގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 270 ފަރާތް ހިމެނެއެވެ. މިގޮތުން ކުރިން ދެންނެވުނު ފަދައިން، ދައުލަތުގެ ކަމާބެހޭ  އިދާރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހި ނުދައްކައިވާ  ޓޫރިޒަމް ދާއިރާގެ ބިމުކުއްޔާއި އެއާގުޅޭ ޖޫރިމަނާއާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ، 17 ފަރާތެއްގެ ބޭންކް އެކައުންޓުތައް މިވަގުތުވެސްވަނީ ފްރީޒް ކޮށްފައެވެ. އޭގެތެރޭގައި  މިހާރު ހިންގަމުންގެންދާ 8 ރިޒޯޓާއި، ޓޫރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މިހާރު އެއްބަސްވުން ބާތިލު ކޮށްފައިވާ 9 ރަށެއް ހިންގާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިމެނެއެވެ. އަދި މީގެތެރޭގައި ޓޫރިޒަމް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާއާއިގުޅޭ މައްސަލަތަކެއްގައި މިއޮތޯރިޓީން ފިޔަވަޅު އެޅުމުގައި ފުރިހަމަކުރާ އިޖުރާއަތުތައް ފުރިހަމަކޮށް ފިޔަވަޅު އެޅުމަށްފަހު، ސިވިލްކޯޓުގެ ހުކުމަކާ ގުޅިގެން އެފިޔަވަޅު ހުއްޓުމަކަށް ގެނެސްފައިވަނިކޮށް، ހައިކޯޓުން ސިވިލްކޯޓުގެ ނިންމުން ބަދަލުކުރުމާ ގުޅިގެން، މިއިދާރާއިން އަޅާފައިވާ ފިޔަވަޅު އަނބުރައި އިއާދަކޮށްފައިވާ ދެމައްސަލައެއް ހިމެނެއެވެ. އެހެންކަމުން ކޯޓު ހުކުމާ ގުޅިގެން އިއާދަކުރެވުނު ފިޔަވަޅުތަކަކީ ވަކި ދުވަސްވަރަކަށް ބިނާކޮށް ވަކިފަރާތަކަށް ޓާގެޓް ކޮށްގެން މި އޮތޯރިޓީން އަޅާފައިވާ ފިޔަވަޅުތަކެއް ނޫނެވެ.

މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ވާގޮތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި މިއޮތޯރިޓީން އަޅައިފައިވާ  އެއްވެސް ފިޔަވަޅަކުން އެފަރާތެއް ވީއްލޭނީ އެފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ނުވަތަ އެފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސްވުމަކަށް އައުމުން ނުވަތަ ކޯޓު ހުކުމެއްގެ ދަށުންނެވެ.

މީރާއިން މިހާތަނަށް އަމަލު ކޮށްފައިވަނީ އަދި ކުރިމަގުގައި ޢަމަލު ކުރަމުން ގެންދާނީ ވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށް، ޓެކްސްދައްކާ ފަރާތްތަކުގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި، ހަމަހަމަކަމާއި، އިންސާފުވެރި ކަމާއެކުގައި ކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި މީރާގެ މިނިވަންކަމާއި މުސްތަގިއްލުކަމާމެދު ޢާއްމުންގެ މެދުގައި ސުވާލު އުފެދޭފަދަ ޙަޤީޤަތާ ޚިލާފުވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަމެވެ.