ތަރައްްޤީ

މާލޭގެ ނަރުދަމާ ނިޒާމަށް ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް!


75 މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ސަރުކާރުން މާލޭގައި ނަރުދަމާ ވިއުގައެއް ޤާއިމްކުރުއްވުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ. މި މަޝްރޫޢު ހިންގަވަނީ އެމް.ޑަބްއިޔު.އެސް.ސީން މެދުވެރިކުރައްވައިގެންނެވެ.

މާލޭގެ ނަރުދަމާ ނިޒާމުގައި މައްސަލަތައް ޖެހި ޖަންގްޝަންތަކުން ލީކްނުމުގެ ޝަކުވާއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. އެގޮތުން ސޯޝަލް މިޑިއާގައިވެސް މީހުން އަންނަނީ މިކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ސަރުކާރުން މިވަނީ، މިކަން ޙައްލުކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދެއްވާފައެވެ.

ގާތްގަނޑަކަށް 75 މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ނަރުދަމާ ވިއުގައެއް މާލެގައި ޤާއިމްކުރެއްވުމުގެ އަމަލީ މަސައްކަތް މިހާރު މިވަނީ ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން، މާލޭގައި 7 ކިލޯމީޓަރުގެ ފުރިހަމަ ނަރުދަމާގެ ވިއުގައެއް ޤާއިމްކުރާނެ ކަމުގެ ޔަޤީންކަން މި މަސައްކަތާ ޙަވާލުވެފައިވާ ކުންފުނި އެމް.ޑަބްލިޔު.އެސް.ސީން ދެއެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މާލޭގެ ނަރުދަމާ ނިޒާމް ތަރައްޤި ކުރެއްވުމަށް މިފެށްޓެވި މަޝްރޫޢު 2018 ވަނަ އަހަރުގެ ނިޔަލަށް ނިމޭއިރު، މާލޭގެ ނަރުދަމާ ނިޒާމަށް މިހާރު ދިމާވަމުން އަންނަ މައްސަލަތައް ޙައްލުވާނެކަމަށެވެ.

މާލޭގެ ނަރުދަމާ ނިޒާމް ތަރައްޤީކުރެއްވުމުގެ މަޝްރޫޢު ފަށްޓައިދެއްވުމަށް ކާނިވާ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މާލޭގެ ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރެއްވުމުގެ މަސައްކަތްތަކީ މިހާރުން މިހާރަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ޒަމީރު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި، އެންވައިރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދު 2018 ގެ ނިޔަލަށް ފުރިހަމަކުރައްވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެމްޑަބްލިޔުއެސްސީން މާލޭގެ އިތުރު ދެ ސަރަޙައްދެއްގައި ފެން އުފައްދާ ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ.



މާލޭގެ ނަރުދަމާ ނިޒާމް ތަރައްޤީކުރެއްވުމަށް ފެށްޓެވި މި މަޝްރޫޢު ނިމޭއިރު، މާލޭގައި ދެ ހޮޅިލައިން އޮންނާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި މި މަޝްރޫޢަކީ، ތިންސަތޭކަ ހާސް މީހުންގެ އާބާދީއަކަށް އަމާޒުކުރައްވައިގެން ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.