ދުނިޔެ

ބޮޑެތި ބެންކުތަކަށް ހަމަލާދެނީ ކޮރެޔާގެ ހެކަރުން - ކެސްޕަރސްކީ


ބައެއް ޤައުމުތަކުގެ ބެންކުތަކުގެ ސަރވާތަކަށް ޙަމަލާދިނުމުގެ ފަހަތުގައި ތިބީ އުތުރު ކޮރެޔާއާ ގުޅުން އޮތް ހެކަރުންކަމަށް، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސައިބަރ ސެކިއުރިޓީ ކުންފުނި، ކެސްޕަރސްކީ އިން ބުނެފިއެވެ.

ދުނިޔޭގެ މަޝްހޫރު ބެންކުތަކާއި ކުންފުނިތަކުގެ ސައިބަރ ސެކިއުރިޓީ ބަލަހައްޓާ ކެސްޕަރސްކީއިން މިކަން ހާމަކޮށްފައިވަނީ ކެރީބިއަންގެ އެސްޓީ މާޓިންގައި ކުރިއަށްދިޔަ ކެސްޕަރސްކީ ސެކިއުރިޓީ އެނަލިސްޓް ސަމިޓުގައެވެ. ސައިބަރ ސެކިއުރިޓީއާ ގުޅޭ މިސަމިޓަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވަނީ ދުނިޔޭގެ 18 ވަރަކަށް ޤައުމެއްގެ ބެންކުތަކުގެ ސަރވާތަކަށް ޙަމާލާދީ، އެތައް މިލިއަން ޑޮލަރެއް ވަގަށް ނެގުމުގެ ފަހަތުގައި ތިބީ އުތުރު ކޮރެޔާއާ ގުޅިފައި ތިބި ހެކަރުންތަކެއްކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން ބަންގްލަދޭޝް، އިކުއެޑޯ، ފިލިޕީންސް، ވިއެޓްނާމް، ކޮސްޓަރިކާ، އިތިއޯޕިއާ، ގަބޯން، އިންޑިއާ، އިންޑޮނޭޝިޔާ، އިރާޤް، ކެންޔާ، މެލޭޝިޔާ، ނައިޖީރިޔާ، ޕޮލެންޑް، ޓައިވާން، ތައިލެންޑް އަދި އުރުގުއޭގެ ބެންކުތަކުގެ ސަރވާތަކަށް ޙަމަލާދީފައިވަނީ އެއްގޮތަކަށް، އެއް ބަޔަކުކަން މިރިޕޯޓުގައި ބުނެފައިވެއެވެ.

މިރިޕޯޓުގައިވާ ގޮތުން ހެކަރުން ހަމަލާތައް ދެނީ އެމީހުން ތިބޭ ތަން ނޫން އެހެން ހިސާބުތަކުގައި ހުންނަ ކޮމްޕިއުޓަރުތައް ބޭނުންކޮށްގެނެވެ. ބައެއްފަހަރު ހެކަރުން ފްރާންސް، ސައުތު ކޮރެޔާ އައި ޓައިވާނުގެ ތެރެއިން ސިގްނަލް ފޮނުވައިގެންވެސް މިކަން ކުރެއެވެ.

މިސާލަކަށް ހެކަރުން އިންޑިއާގެ ބެންކަކަށް ހަމަލާދޭނަމަ އެމީހުން އުތުރު ކޮރެޔާގައި ތިބެފައި ބޭނުންކުރާނީ ފްރާންސްގެ ސާވާއެކެވެ. އޭރުން ބަލާ މީހަކަށް ފެންނާނީ ފްރާންސުން އަންނަ ޙަމަލާއެއްގެ ގޮތުގައެވެ. ނަމަވެސް އަސްލު އެއީ ކޮރެޔާއިން އަންނަ ޙަމަލާއެކެވެ. ބައެއް ފަހަރު ހެކަރުން ދެތިން ހަތަރު ޤައުމެއްގެ ސާވާތައް ބޭނުންކުރެއެވެ. އޭރުން ސީދާ ޙަމަލާތައް އަންނަ ދިމާ ހޯދަން މާބޮޑަށް އުނދަގޫވެއެވެ.

img:http://s4.psmnews.mv/images/660x400/14912907416061.jpg|

ނަމަވެސް އުތުރު ކޮރެޔާ މިކަމުގައި ފަހަތުގައި އޮތްކަން އެނގެނީ ވަރަށް އާދައިގެ މައްސަލައަކުންނެވެ. މީގެ ތެރެއިން ޙަމަލާއެއް ދީފައިވަނީ އެއްވެސް ސަރވާއަކަށް ނުވަދެ، ސީދާ ކޮރެޔާއިންނެވެ. ކޮރެޔާ ފަދަ އިންޓަނެޓްގެ ޚިދުމަތް ޢާއްމުންނަށް ނުލިބޭ ޤައުމެއްގައި މިފަދަ ކަމެއް ކުރާނީ ސަރުކާރުން ނޫން ދެން ކޮންބައެއް ހެއްޔެވެ..؟

އުތުރު ކޮރެޔާއިން މިފަދަ ކަމެއް ކޮށްފާނެ ސަބަބުތައް ބައިވަރު އެބަހުއްޓެވެ. ޤައުމުގެ އިނދަޖެހިފައިވާ އިޤްތިޞާދާއި ނިއުކްލިއަރ ޕްރޮގްރާމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުން މީގެ ތެރޭގައި ހިމެނެއެވެ. ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގެ ސަބަބުން އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމާއެކު އެއްވެސް މުޢާމަލާތެއް ހިންގުން ބެންކުތަކަށް އދ އިން ވަނީ މަނާކޮށްފައެވެ.

މީގެ ކުރިން ހެކަރުން ގިނައިން ޙަމަލާދެމުންދިޔައީ އުތުރުކޮރެޔާއާއި ވާދަވެރި ދެކުނު ކޮރެޔާގެ ބެންކުތަކާއި މީޑިއާތަކަށެވެ. އުތުރު ކޮރެޔާގެ ލީޑަރަށް ޖޯކު ޖެހުމުގެ ގޮތުން ހެދި ފިލްމާ ގުޅިގެން މަޝްހޫރު ސޮނީ ކުންފުނިވެސް ހެކްކުރިކަމަށް ބެލެވެނީ އުތުރު ކޮރެޔާއިންނެވެ. ނަމަވެސް މިހާރު އުތުރު ކޮރެޔާއިން ގެންގުޅޭ އުކުޅުތައް ބަދަލުކޮށް، ދުނިޔޭގެ ފައިނޭންޝަލް ސިސްޓަމްއާ ދިމާލަށް އެމީހުން މިސްރާބު ޖަހާފައިވާކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.  މިގޮތުން ދުނިޔޭގެ ބޮޑެތި ބެންކުތަކަށް ހަމަލާދީފައިވާއިރު، އޭގެ ތެރެއިން ގިނަ ޙަމަލާތައް ނާކާމިޔާބުކޮށްލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ތަޖުރިބާކާރުން ކަންބޮޑުވަނީ ހެކަރުން ގެންގުޅޭ އުކުޅުތަކުގެ ސަބަބުންނެވެ.

img:http://s2.psmnews.mv/images/660x400/14614810677556.jpg|އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން، މިސައިލް ޓެސްޓްކުރާ މަންޒަރެއް ބައްލަވާލައްވަނީ - ފައިލް ފޮޓޯ: ޒިންގހުއާ ނިއުސް

މިސާލަކަށް ޕޮލެންޑުގެ ފައިނޭންޝަލް ރެގިއުލޭޓަރގެ ރަސްމީ ވެބްސައިޓުގައި ހެކަރުން ޖެހި މަޅި ފާހަގަކޮށްލެވެއެވެ. އެމީހުން ފުރަތަމަ ވެބްސައިޓަށް ކޯޑެއް ލީއެވެ. އެކޯޑުގެ ސަބަބުން އެވެބްސައިޓަށް އެމީހުން ބޭނުންވާ ޚާއްސަ އިންޓަނެޓް އެޑްރެސްތަކަކުން ވަންނަ ފަރާތްތައް "އިންފެކްޓް" ކޮށްލައެވެ. މިގޮތުން 150 އިންޓަނެޓް އެޑްރެސް އެމީހުން އިންފެކްޓްކޮށްލިއެވެ. މީގެ ތެރޭގައި ހިމެނެނީ ވޯލްޑް ބެންކާއި ބޮޑެތި ބައެއް ޤައުމުތަކުގެ ސެންޓްރަލް ބެންކުތަކުގެ އިންޓަނެޓް އެޑްރެސްތަކެވެ. އަދި އެއަށްފަހު އިންފެކްޓްކޮށްލާ ބެންކަށް ފައިސާ ޖަމާކޮށްގެން، އެހެން ނަން ނަމުގައި އެފައިސާ ނަގައެވެ.

މިގޮތުން ނިއު ޔޯކްގެ ފެޑަރަލް ރިޒާވްގައި ހުރި ބަންގްލަދޭޝްގެ އެތައް މިލިއަން ޑޮލަރެއް ސްރީލަންކާއަށް ޓްރާންސްފަރ ކުރިއެވެ. އަދި އެފައިސާ ފަހުން ފޮނުވީ ފިލިޕީންސްގެ ކެސީނޯއަކަށެވެ. އަދި އިންފެކްޓްކޮށްލާފައިވާ ބެންކެއް މެދުވެރިކޮށް އެފައިސާ ނަގަން އުޅުމުން، އެކަން ސައިބަރ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް އެނގިގެން ހުއްޓުވިއެވެ.

އދގެ ތަހްޤީޤަކުން އެނގުނު ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޮރެޔާއާއެކު މާލީ މުޢާމަލާތްތައް މަނާކޮށްފައި އޮތުމުން އެމީހުން ދަނީ ވަގު ކުންފުނިތަކާއި އެޖެންޓުން ބޭނުންކޮށްގެން މަސައްކަތްކުރަމުންނެވެ. މިކަމުގެ ސަބަބުން އެތައް މިލިއަން ޑޮލަރެއް ޓްރާންސްފަރކޮށް، އެއްތަނުން އަނެއް ތަނެއް ގެންދަން ފަސޭހަވެއެވެ. މިފަދަ އެތައް ސަތޭކަ ކުންފުނިތަކެއް އުފައްދާފައިވާކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އަދި ހެކަރުން ބޭނުންކޮށްގެން ހޯދާ ފައިސާތައް މިފަދަ ކުންފުނިތަކުގެ ރައުސުލްމާލު އިތުރުކުރުމަށް ބޭނުންކުރެއެވެ.