ކުޅިވަރު

ބާސެލޯނާ މެސީއަށް ބަރޯސާ ނުވާކަން މިރޭ މެޗުން އިނގޭނެ - އެންރީކޭ


މިރޭ ގްރެނާޑާ ދެކޮޅަށް ކުޅޭ މެޗަކީ ބާސެލޯނާ މެސީގެ މައްޗަށް ބަރޯސާ ނުވާ ޓީމެއްކަން ސާބިތުކޮށްދޭން ލިބޭ ފުރުސަތެއްކަމަށް ބާސެލޯނާގެ ކޯޗް ލުއި އެންރީކޭ ބުނެފިއެވެ. 

ސްޕެނިޝް ލަލީގާގައި މިރޭ ގްރެނާޑާއާއި ދެކޮޅަށް ކުޅޭ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން މެސީއަށް ނުކުޅެވޭނެ. މެސީ ސަސްޕެންޑް ވެފައިވަނީ ފަސް ކާޑު ހަމަވެފައިވުމުންނެވެ.

ކޯޗް އެންރީކޭ ބުނީ މެސީއަކީ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާކަމަށާއި، އެހެންނަމަވެސް ޓީމް އޭނާއަށް އެއްކޮށް ބަރޯސާ ނުވާކަމަށެވެ. އަދި މި މެޗަކީ އެކަން ސާބިތުކޮށްދޭން އޭނާއަށްވެސް އަދި އެހެން ކުޅުންތެރިންނަށްވެސް ލިބިގެންދާ ފުރުސަތެއް ކަމަށްވެސް މި ސީޒަނަށްފަހު އެޓީމް ދޫކޮށްލަން ނިންމާފައިވާ ކޯޗް ބުންޏެވެ. 

"މެސީ ސަސްޕެންޝަންގައި ހުރުމަކީ އެހެން ކުޅުންތެރިންނަށް ލިބުނު ފުރުސަތެއް، މެސީއަށް ބާސެލޯނާ ބަރޯސާ ނުވާކަން ދައްކަން ލިބޭ ޗާންސެއް މިއީ"

ލީގު ނިމެން ކައިރިވާ ވަރަކަށް ކޮންމެ މެޗަކުންވެސް ލިބޭ އެންމެ ޕޮއިންޓަކީ މުހިންމު ޕޮއިންޓެއްކަމަށް ކޯޗް އެންރީކޭ ފާހަގަކުރިއެވެ.

މެސީގެ އިތުރުން މިރޭގެ މެޗުގައި ޑިފެންޑަރ ޖެރާޑް ޕީކޭ ނުފެންނާނެއެވެ. އެންރީކޭ ބުނީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމަށްފަހު ޕީކޭއަށް ރެސްޓް ދީފައިވާކަމަށެވެ.