ކުޅިވަރު

ރިޓަޔަރ ކުރާކަމަށް ނުވިސްނަން - ވެންގާ


ފުޓްބޯޅަ ކޯޗިންގ ކެރިއަރު ނިންމާލަން އަދި ނުވިސްނާކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ. 

ކޯޗިންގ ކެރިއަރު ނިންމާލައި އާސެނަލް ދޫކޮށްލާނީ ކޮންދުވަހަކުންތޯ ނޫސްވެރިއަކު އެހުމުން ކޯޗް ވެންގާ ބުނީ ރިޓަޔަރމެންޓަކީ ޒުވާން ކޯޗުންނަށް އޮތް ކަމެއްކަމަށާއި، ރިޓަޔަރ ކުރަން ނުވިސްނާކަމަށެވެ. އުމުރުން 67 އަހަރުގައި ރިޓަޔަރ ކުރުމަކީ މަރުވުން ފަދަކަމެއްކަމަށް ވެންގާ ބުންޏެވެ. 

ވެންގާ އާސެނަލްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާއަށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ކްލަބުންވަނީ ހުށަހަޅާފައެވެ. 

"ރިޓަޔަރ ކުރަން ނުވިސްނަން، މި އުމުރުގައި ރިޓަޔަރ ކުރުމަކީ މަރުވުންފަދަ ކަމެއް، ރިޓަޔަރ ކުރާނީ ޒުވާން ކޯޗުން"

އާސެން ވެންގާގެ އިރުޝާދުގެ ދަށުން މިދިޔަ ތޭރަ އަހަރު އެޓީމަށް ލީގް އުފުލާލެވިފައެއް ނުވެއެވެ. އަދި ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން ޖެހިޖެހިގެން 7 އަހަރު އާސެނަލްވަނީ ކަޓާފައެވެ. 

އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ އާސެނަލް މިހާރު އޮތީ ތާވަލްގެ ހަވަނާގައެވެ. މިރޭ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ ގަދަ ހަތަރަކަށް އެރުމަށް އުނދަގޫތަކެއް ކުރިމަތިވާނެވެ. 

ވެންގާ ބުނީ އެއްވެސް މެޗަކުން ބަލިވާން އޭނާ ބޭނުންނުވާކަމަށާއި، މެޗުން ބަލިވިޔަސް އޭނާ ކަންބޮޑު ނުވާހެން ބައެއް މީހުންނަށް ހީވަނީކަމަށެވެ.