ކުޅިވަރު

2026ގެ ވަރލްޑްކަޕް ކޮލިފައިން ފޯމެޓަށް ބަދަލު ގެންނަނީ


2026ގެ ފީފާ ވަރލްޑްކަޕްގެ ފަހު ދެ ޖާގަ ލިބޭނެ ޓީމެއް ހޯދުމަށް 6 ޓީމުގެ މެދުގައި ޕްލޭ އޮފް ޓޯނަމެންޓެއް ކުޅެން ފީފާއިން ހުށަހަޅައިފިއެވެ.

ފުޓްބޯޅަޔާބެހޭ މައި އިދާރާއިން ވަނީ ވަރލްޑްކަޕަށް ކޮލިފައިވާނެ 48 ޓީމް ކޮލިފައިވާނީ ކިހިނެއްކަން ހާމަކޮށްފައެވެ. 

ވޯލްޑްކަޕުގައި ކުޅޭ ޓީމްތަކުގެ އަދަދު 32 ޓީމުން 48 ޓީމަށް ހެދުމަށް ފީފާގެ މެމްބަރުން ވޯޓްދީފައިވަނީ މިދިޔަ ޖެނުއަރީމަހުއެވެ.

ޔޫއެފާގެ ރައީސް އެލެކްސެންޑަރ ޝެފެރިން ބުނެފައިވަނީ ފީފާއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު އޭނާ ހިތްހަމަޖެހޭކަމަށާ ޔޫރަޕްގެ ޤައުމުތަކަށް އެކަށީގެންވާ އަދަދަކަށް ޖާގަލިބޭކަމަށް ގަބޫލުކުރާކަމަށެވެ.

ފީފާގެ ހުށަހެޅުމުގައި ވާގޮތުން އޭޝިޔާއަށް ލިބޭނީ 8 ޖާގައެވެ. ކުރިން އޭޝިޔާއަށް ލިބެނީ ހަތަރެއް ނުވަތަ ފަސް ޖާގައެވެ.

 އެފްރިކާޔަށް ކުރިން 5 ޖާގަ ލިބުނުނަމަވެސް 9 ޖާގަދިނުމަށް ހުށަހެޅުމުގައިވެއެވެ.  ކުރިން ޔޫރަޕަށް ލިބޭ 13 ޖާގަ އިތުރުކުރުމަށް ހަމަޖެހިފައިވަނީ 16އަށެވެ.

 ސެންޓްރަލް އެމެރިކާ، އަދި ނޯތް އެމެރިކާގެ އިތުރުން ކެރީބިއަންގެ ޤައުމުތަކަށް 6 ޖާގަދިނުމަށް ހުށަހަޅާފައިވާއިރު އޯޝޭނިއާގެ ޤައުމުތަކަށް އެއް ޖާގަ އަދި ސައުތް އެމެރިކާގެ ޤައުމުތަކަށް 6 ޖާގަ ދިނުމަށް ފީފާއިން ވަނީ ހުށަހަޅާފައެވެ.