ސިއްހަތު

ކިޔެވުން މެދުކަނޑާލި ސްކޫލްތަކުގެ ކިޔެވުން އާދީއްތަ ދުވަހު ފަށާނެ


މާލެއާއި ބައެއް އަތޮޅުތަކުގައި ފެތުރެމުންދިޔަ ރޯގާއާއި ގުޅިގެން ކިޔެވުން މެދުކަނޑާލެވުނު ސްކޫލްތަކުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރޯގާއާއި ގުޅިގެން މާލޭގެ ހުރިހާ ސްކޫލަކާއި ރ އިނގުރައިދޫ ސްކޫލާއި، ރ އުނގޫފާރު ސްކޫލާއި ހދ ކުޅުދުއްފުށީގެ ތިން ސްކޫލެއްގެ ކިޔެވުން މެދުކަނޑާލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކިޔެވުން މެދުކަނޑާލެވުނު ސްކޫލްތަކުގެ ކިޔެވުން އަލުން ފެއްޓެވުމަށް ނިންމެވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެ ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުން އެންމެ ރަނގަޅުކަމުގައި އިރުޝާދު ދެއްވުމުންކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެހެން އަހަރުތަކޭ އެއްފަދައިން މިފަދަ ކަންކަމުގައި ސްކޫލް މަދުރަސާތަކުގެ ދަރިވަރުންނަށް ގެއްލޭ ފިލާވަޅުތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް މިއަހަރުވެސް ހަމަޖައްސަވާނެކަމަށެވެ.

ރޯގާއާއި ގުޅިގެން ސްކޫލްތައް ފުރަތަމަ ބަންދުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ރޯގާ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ. އަދި ރޯގާގެ ހާލަތު ރަނގަޅުކަން ފާހަގަކޮށް މިމަހުގެ ސައްބީސްވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވިނަމަވެސް ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު އަށާވީސް ވަނަ ދުވަހު އެޗްޕީއޭގެ ލަފަޔާއެކު ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލިއެވެ.