ކުޅިވަރު

ރޮނާލްޑޯގެ އުފަން ރަށުގައި ޕޯޗުގަލް ބަލިވެއްޖެ


ރޮނާލްޑޯ އުފަން ރަށުގައި ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެއެވެ. 

ރޮނާލްޑޯގެ އުފަން ރަށް މެދީރާގައި ކުޅުނު މެޗުން ޕޯޗުގަލް ސްވިޑަންއާއި ވާދަކޮށް ބަލިވީ 2-3 ނެވެ. ސްވިޑަން މި މެޗް ކާމިޔާބުކުރީ ޕޯޗުގަލުން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. 

މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެޓީމްގެ ދެވަނަ ލަނޑަކީ ސްވިޑަންގެ ގްރަންކްވިސްޓް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ސްވިޑަންގެ ތިން ލަނޑުވެސް ފެނުނީ ދެވަނަ ހާފްގައެވެ. އެޓީމްގެ ތިން ލަނޑު ޖަހަދިނީ ވިކްޓަރ ކްލާސަން އަދި ކަވަކޯ ކަންސެލޯއެވެ. މެޗުގައި ކްލާސަން ދެ ލަނޑު ޖެހިއެވެ. 

ރޭ ކުޅުނު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ އެހެން މެޗުތަކަށް ބަލާލާއިރު، ފްރާންސާއި ސްޕެއިންގެ ކުރިމަތިލުން 2-0 ން ކާމިޔާބުކުރީ ސްޕެއިންއެވެ. މެޗުގައި ސްޕެއިންގެ ދެ ލަނޑު ޖަހައިދިނީ ޑޭވިޑް ސިލްވާއާއި ޖެރާޑް ޑިއުލެފޫއެވެ. ރޭގެ މެޗުގައި ރެފްރީގެ ބައެއް ނިންމުންތައް ނިންމުމުގައި ރެފްރީން ވަނީ ވީޑިއޯގެ އެހީ ހޯދާފައެވެ. މެޗުގައި ފްރާންސުން ޖެހި ގޯލެއް އޮފްސައިޑް ލަނޑެއްގެ ގޮތުގައިވެސް ނިންމީ ވީޑިއޯ ބެލުމަށްފަހުގައެވެ. އަދި މެޗުގައި ސްޕެއިންގެ ދެވަނަ ގޯލްވެސް ޔަގީންކުރީ ވީޑިއޯއަށް ބެލުމަށްފަހުގައެވެ. 

ބެލްޖިއަމް އަދި ރަޝިޔާ ރޭ ވާދަކުރި މެޗް ނިމުނީ 3-3 ން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގައި ބެލްޖިއަމްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ކްރިސްޓިއަން ބެންޓެކޭއެވެ. އަނެއް ލަނޑު ޖަހައިދިނީ ކެވިން މިރަލާސްއެވެ. މެޗުގައި ރަޝިޔާގެ ތިން ލަނޑު ޖަހައިދިނީ ވިކްޓަރ ވަސިން، އެލެކްސޭ މިރަންޗުކް އަދި އެލެކްސަންޑަރ ބުޚަރޯވްއެވެ.