ޚަބަރު

ތިނަދޫއަށް ބޭނުންވާ 4 ޖަނަރޭޓަރު އަންނަމަހު މާލެ ގެންނަނީ


ގދ.ތިނަދޫގައި ޤާއިމްކުރައްވާ އައު އިންޖީނުގެއަށް ބޭނުންވާ 4 ޖެނެރޭޓަރު އަންނަމަހު މާލެ ގެންނާނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ހާމަކޮށްފިއެވެ. މި 4 ޖެނެރޭޓަރަށް އެކެއް ޕޮއިންޓް ދޭއް ހައެއް، މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެއެވެ.  

ގދ.ތިނަދޫގެ ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެދަށުން ގެންދަވަނީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން ޒަމާނީ ފެންވަރުގެ އައު އިންޖީނު ގެއެއް ތިނަދޫގައި ޢިމާރާތް ކުރައްވަމުންނެވެ. މިއިންޖީނުގެއަކީ އިންޖީނު އުފުލާ ކެރޭނު ސިސްޓަމަކާއެކު ރާއްޖޭގައި ތަރައްޤީކުރައްވާ ފުރަތަމަ އިންޖީނުގެއެވެ. ތިނަދޫ އިންޖީނުގޭގެ މަސައްކަތް މިހާރުގޮސްފައިވާ މިންވަރާ ގުޅޭގޮތުން ޕީ.އެސް.އެމް އަށް މަޢުލޫމާތު ދެއްވަމުން، ފެނަކަ ކޯޕަރޭޝަނުގެ ޕްރޮޖެކްޓް ޑިވިޝަން ޑައިރެކްޓަރ ޢަބުދުﷲ ނާޝިދު ވިދާޅުވީ، ތިނަދޫގެ އާ އިންޖީނުގޭގެ ކޮންކްރީޓްގެ މަސައްކަތް މިހާރުވަނީ މުޅިން ނިމިފައިކަމަށެވެ. 

ފެނަކަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް ޑިވިޝަންގެ ޑައިރެކްޓަރ ޢަބުދުﷲ ނާޝިދު ވިދާޅުވީ ތިނަދޫ އާ އިންޖީނުގެއަށް ބޭނުންވާ 4 ޖެނެރޭޓަރު ސެޓް އަންނަމަހުގެ މެދެއްހާތަނުގައި ރާއްޖެގެންނާނެކަމަށެވެ. އަދި އަންނަ ޖޫންމަހު ހުރިހާ މެޓީރިއަލްއެއް އަތުރާ ނިމޭނެކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ. އެހެންކަމުން ޓަގެޓަކީ އާ އިންޖީނުގޭގެ ޚިދުމަތް އަންނަ ޖުލައިމަހު ފެށުންކަމަށް ނާޝިދު ވިދާޅުވިއެވެ.

ތިނަދޫގެ އާ އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޓަރުތައް ގެނައުމަށް ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ، އެލަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެކު ފެނަކަ ކޯޕަރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ ތޭވީސް ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ގެންނަން ހަމަޖެހިފައިވަނީ، 1 މެގަ ވޮޓުގެ 2 ޖެނެރޭޓަރާއި، ދޭއް ޕޮއިންޓު އެކެއް މެގަވޮޓުގެ 2 ޖެނެރޭޓަރެވެ.