ތަރައްްޤީ

މާލޭ ސިޓީ ޕާކުގައި ތަރައްޤީކުރާ ލެޑްޕާރކް ޖޫންގެ ކުރިން ހުޅުވަނީ


މާލޭ ސިޓީ ޕާރކުގައި ތަރައްޤީ ކުރާ ލެޑް ޕާކް އަންނަ ޖޫން މަހުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކުރިން ސަލްޓަން ޕާރކްގައި ހުރި ލެޑް ގަސްތައް ސިޓީ ޕާކްގައި ހަރުކޮށް މިހާރު ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާ އޮފިސަރ ތަޒްމީލް ޢަބްދުއްޞަމަދު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ އެތަން އިތުރަށް ޒީނަތްތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލެޑް ޕާކެއްގެ ގޮތުގައި ސިޓީ ޕާކް އަލުން ތަރައްޤީ ކުރަނީ، ކުޑަކުދިން ކުޅޭނެ އޭރިއާ އަކާއި، ޢާއިލާތަކާއެކު ވަގުތު ހޭދަކޮށްލެވޭފަދަ ތަނެއްގެ ގޮތުގައިކަމަށް ތަޒްމީލް ވިދާޅުވިއެވެ.

ކުރިން ސަލްޓަން ޕާކުގެ އިރުދެކުނު ސަރަޙައްދުގައި ހަދާފައި ލެޑް ޕާކް އެތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް ނިންމީ، ސަލްޓަން ޕާރކް މުޅިން އައު ޕްލޭނެއްގެ ދަށުން ތަރައްޤީ ކުރެއްވުމަށް ނިންމުމަށް ގުޅިގެންނެވެ.

ލެޑް ޕާރކް ސިޓީ ޕާކަށް ބަދަލުކޮށް އެތަން ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށްޓަވާފައިވަނީ، މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.