ކުޅިވަރު

ޤައުމީ ޓީމްގެ ކެޕްޓަން ބޭންޑް އައްސަދު އަލީ އަށް


އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި މާދަމާރޭ ފަލަސްތީނާއި ދެކޮޅަށް ނިކުންނަ މެޗުގައި ޓީމްގެ ކެޕްޓަން ބޭންޑް އަޅާނީ މިޑްފިލްޑަރ އައްސަދު އަލީ (އަޑޭ) ކަމަށް ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ. ފަލަސްތީން މެޗަށް އާ ކެޕްޓަނެއް ނެގީ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް  އަނިޔާގައި ހުރުމުގެ ސަބަބުން ޓީމުގައި ނުހިމެނި، ޓީމްގެ ވައިސް ކެޕްޓަން އިމްރާން މުހައްމަދު ރިޓަޔާކޮށްފައިވާތީއެވެ. 

ނޫސްވެރިންނާއި ވާހަކަދައްކަމުން އައްސަދު އަލީ ބުނީ ކެޕްޓަން ބޭންޑް ލިބުމަކީ ބޮޑު އުފަލެއްކަމަށާއި، އެހެންނަމަވެސް މުހިންމީ ކެޕްޓަން ބޭންޑް ނޫންކަމަށާއި، މުހިންމީ މެޗުން މޮޅުވުންކަމަށެވެ. ޓީމްގައި ގިނައީ ކެޕްޓަންގެ ޒިންމާ އަދާކުރެވޭ ފަދަ ލީޑަރުންކަމަށާއި، ހަމައެކަނި ތަފާތަކީ އޭނާގެ އަތުގައި ބޭންޑް އޮންނަކަން އެކަނިކަމަށް އަޑޭ ބުންޏެވެ. އައްސަދު އަލީވަނީ މީގެ ކުރިން ނިއުރޭޑިއަންޓްގެ ކެޕްޓަންގެ ޒިންމާ 2015ގެ ސީޒަންގައި އަދާކޮށްފައެވެ. އެ އަހަރު ދިވެހިލީގް ނިއުއިން އުފުލާލީ އައްސަދުގެ ލީޑާރޝިޕްގެ ދަށުންނެވެ. މީގެ އިތުރުން އައްސަދު އަލީވަނީ ވީބީ އައްޑޫ އެފްސީއާއި ބީޖީގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

 ޤައުމީ ޓީމްގެ ވައިސް ކެޕްޓަނުންނަށް ހަމަޖައްސާފައިވަނީ ޑިފެންޑަރ ޝާފިޢު އަދި މިޑްފީލްޑަރ އުމެއިރުއެވެ.