ޚަބަރު

ކުރިޔަށްއޮތް 3 ދުވަހު ސްކޫލްތައް ބަންދު ކުރުމަށް ނިންމަވައިފި


ރޯގާ ފެތުރޭ ސަރަޙައްދުތަކުގައި ކުރިޔަށްއޮތް 3 ދުވަހު ސްކޫލްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސްކޮންފަރެންސެއްގައި އެޗްވަން އެންވަން ރޯގާއާބެހޭ ކަންކަން ވިލަރެސްކުރައްވާ ވަޒީރުންގެ ކޮމެޓީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އެޗްވަންއެޗްވަން ރޯގާ ކޮންޓްރޯލްވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެޗްވަންއެޗްވަން ރޯގާއާ ގުޅިގެން ޢާންމުންގެ ކަންބޮޑުވުން އަދިވެސް ހުރިކަން ފާހަގަކުރެއްވޭތީ، ސްކޫލްތައް ކުރިޔަށް އޮތް ތިންދުވަހުވެސް ބަންދުކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމަށެވެ. ސްކޫލްތައް ހުޅުއްވުމަށްފަހު ދެދުވަސްފަހުން އަލުން ބަންދުކުރެއްވުމަށް ނިންމެވީ، ރޯގާއާމެދު ޢާންމު މަޢުލޫމާތު ފެތުރިގެންދިޔަ ގޮތުން ޢާންމުންގެ ކަންބޮޑުންވުން ހުރުމާއެކު ރައްޔިތުންގެ އިޙްސާސްތަކަށް ސަރުކާރުން އިޙްތިރާމް ކުރައްވާތީކަމަށް ރޯގާއާ ގުޅޭގޮތުން ސަރުކާރުން އުފައްދަވާފައިވާ ވަޒީރުންގެ ކޮމެޓީން ވިދާޅުވެއެވެ.

އެޗްވަންއެންވަން ކޮންޓްރޯލް ކުރެއްވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރޯގާ ކޮންޓްރޯލް ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާ ވަަރަށް ރަނގަަޅު ކަމަށް އެޗްވަން އެންވަން ރޯގާއާބެހޭ ކަންކަން ވިލަރެސްކުރައްވާ ވަޒީރުންގެ ކޮމެޓީން ވިދާޅުވެއެވެ.