ސިޔާސީ

މައުމޫން ޕީޕީއެމް އިން ވަކި ކުރުމަށް ކައުންސިލުން ފާސްކޮށްފި


ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެޕާޓީން ވަކިކުރުމަށް ޕީޕީއެމް ކައުންސިލުން ނިންމައިފިއެވެ. ޕީޕީއެމްގެ ކައުމްސިލުން މިގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި އެޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވި 26 މެމްބަރުންގެ އިއްތިފާޤުންނެވެ. މި ޤަރާރު ޕާޓީގެ ކައުންސިލަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙްއެވެ.

ކައުންސިލް ބައްދަލުވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، ރައީސް މައުމޫން ޕާޓީން ވަކިކުރަން ހުށައެޅުއްވީ، ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ރައީސް މައުމޫން ޢަބްދުލްްައްޔޫމް ކުރައްވާ މަސައްކަތްތަކަކީ ޤަބޫލްކުރެވޭ ކަމަކަށް ނުވާތީކަމަށެއެވެ. ފަލާޙް ވިދާޅުވީ، ޕާޓީގެ ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށްކަމަށް.  "މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލަށް ހުށައެޅި ހުށައެޅުމެއް ނޫން. ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން އިދިކޮޅު ފަރާތްތަކާއި އެމްޑީޕީއާއި ގުޅިގެން ޕާޓީގެ ސިއްކަ ބޭނުންކޮށްގެން ކުރައްވާ ކަންކަމަކީ އަޅުގަނޑުގެ އިތުރުން ޕާޓީގެ އެތައް މެމްބަރުންނެއް ބޭނުންވެގެން ހުށައެޅި ހުށައެޅުމެއް". ފަލާޙު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސްކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއަދުގެ ކައުންސިލް ނިންމުން  ރައީސް މައުމޫން ޕާޓީން ވަކިކުރުމަށް ކައުންސިލް މެމްބަރުންގެ މެދުގައި ރުހުން އޮތް މިންވަރު އެނގިގެން ހިނގައެއްޖެކަމަށެވެ.

ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ވިދާޅުވީ، ޕާޓިން މެމްބަރަކު ވަކިކުރުމަށް ހުށައަޅަން ޖެހޭނީ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ކަމަށާއި، ނަމަވެސް ކައުންސިލަށް އެމައްސަލަ ހުށައެޅުއްވީ، ރައީސް މައުމޫނަކީ ވަރަށް ދިގު މުއްދަތަކަށް ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވެފައި، އެމަނިކުފާނަށް ކުރައްވާ އިޙްތިރާމްގެ ސަބަބުންކަމަށެވެ.