ތިމާވެށި

އާރތު އަވަރ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި


ދުނިޔޭގެ އެކި ކަންކޮޅުތަކުން، ރޭ ވަނީ މިއަހަރުގެ އާރތު އަވަރ ގައި ބައިވެރިވެފައެވެ. މި ހަރަކާތުގައި ރާއްޖެއިންވެސް ވަރަށް ފުރިހަމައަށް ބައިވެރިވެފައިވާކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮންމެހެން ދިއްލަންޖެހޭ ހޮޅިބުރި، ބޮކި ފިޔަވައި އެހެން ހުރިހާ ދިއްލުންތައް އެއް ގަޑިއިރަށް ނިއްވާލާފައިވަނީ ރޭ 8:30 އިން ފެށިގެން 9:30އަށެވެ. ދުނިޔޭގެ 170 އަށްވުރެ ގިނަ ޤައުމުގައި އަރތު އަވަރ ފާހަގަކުރި އިރު، ރާއްޖޭގެ ރައްޔިތުންވެސް މި ހަރަކާތަށް ބޮޑު ތަރުޙީބެއް ދީފައިވާކަން ފާހަގަކުރެވެއެވެ. އެހެން އަހަރުތަކާ ޚިލާފަށް، މިއަހަރުގެ އާރތު އަވަރގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދުނިޔެ ހޫނުވުމާއި ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް، ކަރަންޓް ބޭނުން ކުރުމުގައި އިސްރާފް ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމާ ބެހޭގޮތުން މެސެޖްތަކެއް ދިނުމަށެވެ. ނަމަވެސް، ބައެއް ރަށްތަކުގައި ވަރަށް ކުލަގަދަކޮށް އަރތު އަވަރ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. img:http://s4.psmnews.mv/images/660x400/14905134211672.jpg|އަރތު އަވަރ ފާހަގަކުރުން -

އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވީ، އާންމުންގެ ފަރާތުން މިއަހަރުވެސް ބޮޑު ތަރުޙީބެއް ލިބުނު ކަމަށާއި، އެގޮތުން މިއަހަރު ގިނަ ފަރާތްތަކުން އަރތު އަވަރގައި ބައިވެރިވެފައިވަނީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

އާރތު އަވަރ ފާހަގަކުރުމަށް ޕީ.އެސް.އެމްގެ ޓީ.ވީ.އެމާ، ދިވެހިރާއްޖޭގެ އަޑުން ވަނީ ރޭ 8:30 އިން 10:00 އަށް، ދޮޅުގަޑިއިރުގެ ލައިވް ޝޯވްއެއް ގެނެސްދީފައެވެ. މި ޝޯވްގައި، އެންވަޔަރމަންޓް މިނިސްޓްރީއާއި، ސްޓެލްކޯ، އަދި ފެނަކަ ކޯޕަރޭޝަނުން ބައިވެރިވެ، ކަރަންޓް ޚަރަދުކުޑަކޮށް، އިސްރާފު ކުރުން މަދުކުރުމާ ބެހޭގޮތުން ގިނަ މަޢުލޫމާތުތަކެއް ގެނެސްދީފައިވެއެވެ. އަދި ތިމާވެއްޓާ ރަޙަމަތްތެރި އާދަތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވުނެވެ. img:http://s2.psmnews.mv/images/660x400/14905148854391.jpg|އަރތު އަވަރ ފާހަގަކުރުން -

މާލޭގައި އަރތު އަވަރ ޙަރަކާތް ވިލަރެސްކުރި ދިވެހި ރެޑްކްރެސެންޓުން ވިދާޅުވީ، ދިއްލުންތައް ނިއްވާލުމަށް ބާރު އެޅުމާއެކު، އެ ފަރާތުން މިއަހަރު އެންމެ އިސްކަމެއް ދިނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް، ދުވަހާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. ފޭސްބުކް އަދި ޓްވިޓަރ މެދުވެރިކޮށް ގިނަ މެސެޖްތަކެއް އާންމުންނަށް ފޯރުކޮށްދެވުނު ކަމަށް ރެޑް ކްރެސެންޓުން ވިދާޅުވެއެވެ.

އަތޮޅުތަކަށް ބަލާލާއިރު، މިއަހަރު އެންމެ ކުލަގަދަ ކޮށް އާރތު އަވަރ ފާހަގަކުރީ ކުޅުދުއްފުށީގައެވެ. އެރަށުގެ ޒުވާނުން ހިންގި ހަރަކާތުގައި، ރަށުގެ އިޖުތިމާއީ ސަރަޙައްދުތައްވެސް ހިމެނޭހެން ދިއްލުންތައް ނިއްވާލުމަށްފަހު، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. img:http://s3.psmnews.mv/images/660x400/14905149016911.jpg|އަރތު އަވަރ ފާހަގަކުރުން -

ކޮންމެ އަހަރަކުވެސް، މިކަމަށް އެންމެ ބޮޑު ސަޕޯޓެއް ލިބެމުންދަނީ ރިސޯޓްތަކުންނެވެ. އެގޮތުން މިއަހަރުވެސް ރާއްޖޭގެ ގިނަ ރިސޯޓްތަކުން އަރތުއަވަރ ހަރަކާތް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ.

އަރތުއަވަރ އަކީ، ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރެވޭ މަސައްކަތަކަށް ވުމާއެކު، 2009 އަހަރުން ފެށިގެން ރާއްޖެއިންވެސް ދަނީ މި ހަރަކާތުގައި ބައިވެރިވެ، ދުނިޔެ ހޫނުވުމާއި، ތިމާވެށީގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.