ތަޢުލީމު

މެދު ޗުއްޓީއަށްފަހު ސްކޫލްތަކުގެ ކިޔެވުން މާދަމާ ފެށޭނެ


ދިރާސީ އަހަރުގެ  ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށްފަހު ސްކޫލްތަކުގެ ކިޔެވުން މާދަމާ ފެށޭނެއެވެ.

މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާއި ގުޅިގެން، ފުރަތަމަ ޓާމުގެ މެދު ޗުއްޓީގެ ކުރިން، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ރާއްޖޭގެ ހުރިހާ ސްކޫލެއް ވަނީ މިމަހުގެ 14 ވަނަ ދުވަހު ބަންދުކޮށްފައެވެ. ސްކޫލްތައް ބަންދު ކުރަން އެޗްޕީއޭއިން އެއިރު ލަފާ ދެއްވާފައިވަނީ، މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމުން، މިކަމުގެ ނުރައްކާ ކުޑަކުރުމަށް އެޗްޕީއޭއިން ދެއްވާފައިވާ ލަފާގެމަތިންނެވެ.

ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ މެދު ޗުއްޓީގެ ކުރިން ސްކޫލްތައް ބަންދުކުރި އިރު، ހުމުގެ ރޯގާއާއި ގުޅިގެން ހެލްތްމިނިސްޓްރީން ވަނީ އެލާރޓް ލެވެލް ތިނެއް ޢިއުލާންކުރައްވާފައެވެ. އަދި މިއާއެކު މީހުން ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވެއެވެ. އަދިވެސް މި އެލާރޓް ލެވެލް ވަނީ ތިނެއްގައެވެ.

އިންފުލުއެންޒާ އެޗްވަންއެންވަން އަކީ ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ނުޖެހޭ މީހާއަށް ވަރަށް ފަސޭހައިން އަރާ ބައްޔެކެވެ. މި ބަލީގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، 65 އަހަރުން މަތީގެ ދޮށީ އުމުރު މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދާ މީހުން ހިމެނެއެވެ.

އިންފުލުއެންޒާ އެޗްވަންއެންވަންއަށް މިހާތަނަށް 175 މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 4 މީހަކު ނިޔާވެފައިވެއެވެ.