ޚަބަރު

މިއަހަރު 5 މިސްކިތެއް އަލަށް ބިނާކުރައްވާނެ- މިނިސްޓްރީ


މިސްކިތް ޢިމާރާތްކުރެއްވުމަށް ކުރިއަށް ގެންދަވާ މަޝްރޫޢުގެ ދަށުން، މިއަހަރު އަލަށް ފަސް ރަށެއްގައި މިސްކިތް ބިނާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަލަށް މިސްކިތް ޢިމާރާތްކުރެއްވުމަށް ހަމަޖެހިފައިވަނީ، ލ.ކަލައިދޫ، ރ.އުނގޫފާރު، ހއ.އިހަވަންދޫ، ށ.މިލަންދޫ އަދި ހއ.ފިއްލަދޫގައެވެ. މިރަށްތަކުގައި ޢިމާރާތްކުރައްވަނީ، ފަސް ސަތޭކައާއި ނުވަސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް ފަންސާސް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައެވެ.

މިސްކިތް ޢިމާރާތްކުރެއްވުމަށް ކުރިއަށް ގެންދާވާ މަޝްރޫޢުގެ ދަށުން، މިއަހަރުގެ ރަމަޟާން މަހަށް 19 މިސްކިތެއްގެ މަސައްކަތް ނިންމަވާ ބޭނުން ކުރެވެން ފަށްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިސްކިތް އިމާރާތްކުރެއްވުމުގެ މަސައްކަތް 12 އަތޮޅެއްގެ އެކި ރަށްތަކުގައި ކުރިއަށް ދާ ކަމަށެވެ. މިކަމަށް ސަތޭކަ ތިރީސް ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެތެރޭގައި ހިމެނެނީ ސަރުކާރުގެ ބަޖެޓުންނާއި ސަޢުދީ ރަސްގެފާނުގެ ހިލޭއެހީއާއި ސަޢުދީ ސަރުކާރުގެ ހިލޭ އެހީ އަދި އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީގެ ދަށުން ޢިމާރާތްކުރައްވާ މިސްކިތްތަކެވެ.

މީގެ އިތުރުން މިދިޔަ އަހަރާ މިއަހަރު 18 މިސްކިތެއްގެ މަސައްކަތް ނިންމަވާ، ރަސްމީކޮށް ނުހުޅުވި ނަމަވެސް ބޭނުންކުރަން ފަށާފައިވެއެވެ. އަދި 7 މިސްކިތެއް ރަސްމިކޮށް ހުޅުވާ ބޭނުންކުރަން ފަށާފައިވެއެވެ.