ތިމާވެށި

"އާރތް އަވަރ"ގައި ހުރިހާ ފަރާތްތަކަކުން ބައިވެރިވުމަށް ގޮވާލައިފި


ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ "އާރތް އަވަރ" ގައި ރާއްޖޭގެ އެންމެހާ މުއައްސަސާތަކާއި ޢާންމުން ބައިވެރިވުމަށް އެންވަޔަރމެންޓް މިނިސްޓްރީން ގޮވާލައްވައިފިއެވެ.

އެންވަޔަރމެންޓް މިނިސްޓްރީން ވިދާޅުވީ "އާރތް އަވަރ" ގައި ބައިވެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ ވަގުތުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމުގައި އެންމެން ބައިވެރިވެ، މި ޙަރަކާތް ފާހަގަކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ދުނިޔެއަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަން ރަމްޒުކޮށްދޭ އެއްގަޑިއިރުގެ މި ޙަރަކާތުގައި ފަރުދީ ޙައިސިއްޔަތުންނާއި އިޖްތިމާޢީ އަދި ވިޔަފާރި ކުންފުނިތަކުން ކުރެވިދާނެ ކަންކަން ވިސްނައި ހަކަތަ އިސްރާފުވުން ކުޑަކުރެވޭނެ ގޮތްގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް ޢަޒުމު ކަނޑައެޅުމަކީ މި ފަދަ ޙަރަކާތެއްގެ އެންމެ މުހިއްމު އެއް މަޤުޞަދު ކަމަށްވެސް އެންވަޔަރމެންޓް މިނިސްޓްރީން ވިދާޅުވެއެވެ. 

ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރަމުން އަންނަ އާރތު އަވަރ ފާހަގަކުރަން ފަށާފައިވަނީ ދެހާސް ހަތްވަނަ އަހަރުއެވެ. ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައް ފިޔަވައި އެހެން ހުރިހާ ދިއްލުންތަކެއް އެއްގަޑިއިރަށް، އޮސްޓްރޭލިޔާގެ ސިޑްނީގައި ފެށި ކެމްޕެއިނުގެ ދަށުން، ނިއްވާލަންޖެހެއެވެ. އަދި ތިމާވެއްޓަށް ފައިދާހުރި ކޮންމެވެސް ކަމެއް ކޮންމެ ދުވަހަކުވެސް ކުރުމަށް، އާރތު އަވަރއާ ގުޅުވައިގެން ބާރުއަޅާފައިވެއެވެ. 

މިއަހަރުގެ އާރތު އަވަރ ފާހަގަކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އަށްގަޑި ތިރީހުން ނުވަގަޑި ތިރީހަށެވެ. މިއީ މި ކެމްޕެއިން މުޅި ދުނިޔޭގައި ހިންގާ ދިހަވަނަ އަހަރެވެ. އަދި ރާއްޖޭގައި އާރތު އަވަރ ފާހަގަކުރާ އަށްވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.