ތިމާވެށި

މޫސުމަށް އަންނަ ބަދަލުތައް، ވިލާތަކާ ވަނީ ގުޅިފައި


ދުނިޔޭގެ މޫސުމަށް ބަދަލުތަކެއް އަންނަމުންދާކަމުގެ ހެކިތައް ފެނި، މޫސުމީ ބަދަލުތަކަށް އިންސާނީ ދަރިފަސްކޮޅު ހޭލާފައިވަނީ 20 ވަނަ ޤަރުނުގެ ތެރޭގައެވެ. މިކަން ސަމާލުކަމަށާއި އައި ދުނިޔޭގެ ފިނި ހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އައިސް، ދުނިޔޭގެ ދިރުންތަކަށް އެކަމުގެ އަސަރުފޯރަން ފެށުމުންނެވެ. ހަނަފަސް ކަމާއި، މޫސުމީ ވިއްސާރައާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ބިންތިރި ޖަޒީރާތައް ދުނިޔޭގެ ޗާޓުން ފޮހެވުމުގެ ބިރު އުފެދުމުންނެވެ.  

މިހުރިހާ ކަމަކާމެދު ޢާންމުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހަކީ ކޮންމެ މާޗް މަހެއްގެ 23 ވަނަ ދުވަހެވެ. މިއަހަރުގެ މޫސުމާބެހޭ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ ވިލާތައް ދެނެގަތުމެވެ. ވިލައަކީ މޫސުންބަލާ، މޫސުން ލަފާކުރުމުގައި އެންމެ ބޮޑަށް ބަރޯސާވާ އެއް ވަޞީލަތެވެ. އަދި ވިލައަކީ ދުނިޔޭގެ ސާފު ބޯފެނުގެ ނިޒާމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ ވަޞީލަތްވެސްމެއެވެ. ވިލާތައް ދެނެގަތުން، މި ޝިޢާރުގެ މަޤްޞަދަކީ މޫސުމީ ބަދަލުތައް ކުރިމަތިވުމުގައި ވިލާތަކުގެ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. 

img:http://s3.psmnews.mv/images/660x400/14902722228816.jpg|

އދ. ގެ މޫސުމާބެހޭ ޖަމްޢިއްޔާގެ ސެކްރެޓްރީ ޖެނެރަލް ޕެޓްތެރި ތާލަސް ވިދާޅުވީ، މޫސުމަށް އަންނަމުންދާ ކޮންމެ ބަދަލަކާއި ވިލާތަކާ ގުޅިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ މީރުފެނުގެ ނިސްބަތް އަންދާޒާކުރުމުގައި ވިލާތަކާމެދު އިތުރަށް ފިކުރުހިންގަން ޖެހިފައިވާކަމަށް، ވީޑިއޯ މެދުވެރިކޮށް އޭނާ ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މޫސުމީ ބަދަލުތަކާ ބެހޭގޮތުން، ދުނިޔޭގެ ފެންވަރުގައި، އދ. ން މަސައްކަތް ފަށާފައިވަނީ 1950 ވަނަ އަހަރުގެ މާޗް މަހުގެ 23 ވަނަދުވަހުއެވެ. އދ. ގެ މޫސުމާބެހޭ އިދާރާ، ވޯލްޑް މީޓްރިއަލޮޖިކަލް އޮގަނައިޒޭޝަނާއި، ދިވެހިރާއްޖެ ގުޅިފައިވަނީ 1 ޖޫން 1980 ވަނަ އަހަރުއެވެ. ނަމަވެސް، 1940 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މޫސުމާބެހޭ އިދާރާ އުފައްދަވައި، މޫސުމާބެހޭގޮތުން ޢާންމުންނަށް ޚިދުމަތް ދެމުންދާކަން ފާހަގަކޮށްލެވެއެވެ.