ކުޅިވަރު

ފަހު މެޗުގައިވެސް ޕޮޑޮލްސްކީ ޖާދޫ ދައްކާލައިފި


ޖަރުމަންގެ ޤައުމީ ޓީމަށް ކުޅެދިން ފަހު މެޗުގައި ފޯވާޑްލޫކަސް ޕޮޑޮލްސްކީ އެޓީމް މޮޅުކޮށްދީފިއެވެ. 

ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އިންގްލެންޑާއި ޖަރުމަން ވާދަކުރި މެޗް ޖަރުމަނުން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. 

މި މެޗަކީ ފޯވާޑް ޕޮޑޮލްސްކީ ޤައުމީ ޓީމަށް ކުޅެދިން އެންމެ ފަހު މެޗްކަން ފާހަގަކޮށްލެވެއެވެ. މެޗުގައި ޖަރުމަންގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފްގައި ޕޮޑޮލްސްކީ ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރުހަމަލާއަކުންނެވެ. 

ރޭގެ މެޗުގައި ލަނޑުޖަހާނެ ފުރުޞަތުތަކެއް އިނގިރޭސި ޤައުމީޓީމަށްވެސް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެޑަމް ލަލާނާ ފޮނުވާލި ހަމަލާ އަރިމަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިއިރު، ޑެލެ އަލީގެ ހަމަލާގެ ހުރަހަކަށްވީ ޖަރުމަންގެ ކީޕަރު މާކް އަންދްރޭ ޓާރސްޓޭގެންއެވެ.

img:http://s3.psmnews.mv/images/660x400/14902473290991.jpg|ރޭގެ މެޗުގެ ކުރިން ޕޮޑޮލްސްކީ ޖަރުމަންގެ ގައުމީ ޓީމަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވަނީ / ފޮޓޯ : ޒިންޙުއާ

ރޭގެ މެޗަކީ ޖަރުމަންގެ ފޯވާޑް ޕޮޑޮލްސްކީ ޤައުމީ ޓީމަށް ކުޅެދިން 130 ވަނަ މެޗެވެ. އޭނާއަކީ ޖަރުމަންގެ ޤައުމީ ޓީމަށް 3 ވަނައަށް އެންމެ ގިނަ މެޗް ކުޅެދިންކުޅުންތެރިޔާއެވެ. ޖަރުމަންގެ ޤައުމީ ޓީމަށް އެންމެ ގިނަ މެޗް ކުޅެދީފައިވާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅެނީ ލޯތަރ މެތަޔަސް އަދި މިރޮސްލާވް ކޮލޯސާއެވެ. 

އުމުރުން 31 އަހަރުގެ ޕޮޑޮލްސްކީއަކީ މިރޮސްލާވް ކްލޯސާ އަދި ގާޑް މުލާގެ ފަހަތުން ޖަރުމަންގެ ޤައުމީ ޓިމަށް ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ޕޮޑޮލްސްކީވަނީ ޖަރުމަންގެ ޤައުމީ ޓީމަށް ރޭ ޖެހިގޯލާއިއެކު 49 ލަނޑު ޖަހައިދީފައެވެ.