ޚަބަރު

މިނިސްޓަރު މުޙަންމަދު ސަޢީދުގެ ޙާލުކޮޅު ރަނގަޅު !


އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޭރުގައި މިރޭ ހަމަލާއެއް ދިންއިރު، އެޢިމާރާތުގެ އެތެރޭގައި ހުންނެވި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދުގެ ޙާލުކޮޅު ރަނގަޅުކަމަށާ، ނުރައްކަލަކާ ކުރިމަތިލައްވަން ޖެހިވަޑައި ނުގަންނަވާކަމަށް މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

މިރޭ މިހާދިސާ ހިނގާފައިވަނީ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، "ހައުސް އޮފް ކޮމަންސް"ގެ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ. މިހާދިސާގައި ފުލުހަކަށް ވަޅިން ޙަމަލާދޭން އުޅުނު މީހަކަށް ފުުލުހުން ބަޑިން ޙަމަލާދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މިޙަމާލާގައި 10 ވަރަކަށް މީހުންނަށް އެމިހާ ޙަމަލާދީފައިވާކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. އޭގެ ތެރެއިން އަންހެނަކު މަރުވެފައިވާކަމަށް ވެސް ބައެއް ޚަބަރުތައް ބުނެއެވެ. 

މިޙާދިސާ ހިނގިއިރު، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު އެޢިމާރާތުގައި ހުންނެވިއެވެ. 

img:http://s4.psmnews.mv/images/660x400/14901972102028.jpg|އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގުމާއެކު ފުލުހުން ހަރަކާތްތެރިވަނީ

މިރޭ ވައިބަރ މެދުވެރިކޮށް ޕީއެސްއެމާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިރޭގެ ޙާދިސާއާ ގުޅިގެން އިނގިރޭސި ފުލުހުންވަނީ އެޢިމާރާތާ އެސަރަޙައްދު ބަންދުކޮށް ބައެއް ފިޔަވަޅުތައް އަޅަމުންކަމަށެވެ. އެހެންކަމުން އަދިވެސް ހުންނެވީ އެޢިމާރާތުގައިކަމަށާ، މިޙާދިސާއާމެދު ތަފްސީލުކޮށް އެއްޗެެއް ވިދާޅުވާން މިވަގުތު ދަތިކަމަށެވެ. އެމަނިކުފާނު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައިކަމަށްވެސް މިނިސްޓަރު ވިދާޅުވި. 

" މާތްﷲ ޙަމްދުކުރަން، އިރާދަކުރެއްވީތީ އަޅުގަނޑުގެ ޙާލު ރަނގަޅު. އެއްވެސް ނުރައްކަލެއްނެތް. " މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. 

މިރޭ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޭރުގައި މިޙާދިސާ ހިނގިއިރު، މިނިސްޓަރ ސަޢީދުގެ އިތުރުން އިނގިރޭސި ބޮޑުވަޒީރު ވެސް އެއިމާރާތުގައި ހުންނެވިއެވެ. ޙާދިސާ ހިނގުމާއެކު ބޮޑުވަޒީރު ވަގުތުން އެހެން ސަރަޙައްދަކަށް ގެންގޮސްފައިވާކަމަށް ޙަބަރުތައް ބުނެއެވެ. މިހާދިސާ ހިނގުމާއެކު ޤާނޫނު ހަދާ މަޖިލިސް ވަނީ ބަންދުކޮށްފައެވެ. އަދި މަޖިލީހުގެ މެމްބަރުންނާއި، އެހެނިހެން ބައެއް ބޭފުޅުންވެސް މިވަގުތު ތިއްބެވީ އެޢިމާރާތުގެ އެތެރޭގައެވެ.