ދުނިޔެ

ލަންޑަންގައި ޙަމަލާދިނީ އިނގިރޭސިވިލާތަށް އުފަން މީހެއް!


އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތް، ޕެލަސް އޮފް ވެސްޓްމިންސްޓަރ ކައިރީގައި އިއްޔެ ޙަމަލާދީފައިވަނީ އިނގިރޭސިވިލާތަށް އުފަން މީހެއްކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. 

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ، ޤާނޫނު ހަދާ މަޖިލީހަށް މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ ޙަމަލާދިން މީހާއަކީ އިނގިރޭސިވިލާތަށް އުފަން، ކުށުގެ ރެކޯޑް އޮތް މީހެއްކަމަށެވެ. ނަމަވެސް އެމީހާގެ އިތުރު ތަފްސީލެއް ނުދެއްވައެވެ. 

ލަންޑަންގައި އިއްޔެގެ ޙަމަލާއާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. 

img:http://s4.psmnews.mv/images/660x400/14902120021892.jpg|ވެސްޓްމިނިސްޓަރ ބޭރުގައި ދިން ޙަމަލާގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ކަމާއިބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ / ފޮޓޯ: ޒިންހުއާ

ޙަމަލާދިން މީހާއާއެކު ހަތަރު މީހުން މަރުވި ހާދިސާގައި، ޙަމަލާދިން މީހާ ވަނީ ކާރެއްގައި ވެސްޓްމިންސްޓަރ ބްރިޖު މަތިން ބާރު ސްޕީޑުގައި ގޮސް ބައެއް މީހުންގެ ގައިގަ ޖައްސާ ޒަޚަމްކޮށްލާފައެވެ. އަދި އެއަށްފަހު ޤާނޫނުހަދާ މަޖިލީހުގެ ފާރުގައި ކާރުން ޖެއްސުމަށްފަހު، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހަކަށް ވަޅިން ޙަމަލާދިނެވެ. ފުލުހުން އޭނާ ގަޔަށް ބަޑިޖަހާ މަރާލީ އެއަށްފަހުއެވެ. ޙަމަލާގައި މަރުވި އަނެއް ދެ މީހުންނަކީ ކޮލެޖެއްގެ ޕްރިންސިޕަލަކާއި އުމުރުން ފަންސާހަކަށް އަހަރުގެ މުސްކުޅިއެކެވެ. 

މިޙަަމަލާގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު 7 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި އިތުރު 29 މީހަކަށްވެސް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ދީފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ. 

އިނގިރޭސި ފުލުހުން ބުނެފައިވަނީ މިއީ އިތުރު ބަޔަކާ ނުގުޅި ޙަމަލާދިން މީހާ އެކަނި ކުރި ކަމެއްކަމަށް ބެލެވޭ ކަމަށެވެ.