ދުނިޔެ

ފޯނު ނޫން އެހެން އާލާތެއް މަތިންދާބޯޓަށް އެރުވުން މަނާކޮށްފި!


މެދުއިރުމައްޗާއި އެފްރިކާގެ ބައެއް ޤައުމުތަކުގެ އެއަރޕޯޓުތަކުން އެމެރިކާއަށް އަންނަ އެއަރލައިންތަކުގައި ފޯނު ނޫން އެހެން އިލެކްޓްރޯނިކް އާލާތެއް އަތްދަބަހުގައި އުފުލުން މަނާކޮށްފިއެވެ.

ޢާއްމުކޮން ގެންގުޅޭ ފޯނަށްވުރެ ބޮޑު، ނުވަތަ އެނޫން އިލެކްޓްރޯނިކް އާލާތެއް އެމެރިކާއަށް އަންނަ ފްލައިޓްތަކަށް އަތްދަބަހުގެ ގޮތުގައި އެރުވުން މަނާކުރީ، އެފަދަ އާލާތްތައް ބޭނުންކޮށްގެން ޙަމަލާއެއް ދެވިދާނެ ގޮތްތަކެއް ހޯދުމަށް ޓެރަރިސްޓުން މަސައްކަތްކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީކަމަށް އެމެރިކާގެ އެތެރޭގެ ސަލާމަތާބެހޭ މައި އިދާރާ، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނެއެވެ. އަދި ލެޕްޓޮޕާއި ޓެބްލެޓާއި ކެމެރާ އަދި ގޭމް ކުޅުމަށް ގެންގުޅޭ އާލާތްތަކުގައި ބޮމެއް ފޮރުވުމަކީ އެކަށީގެންވާކަމެއްކަމަށް އެމެރިކާގެ ހޯމް ލޭންޑް ސެކިއުރިޓީން ބުނެއެވެ. ނަމަވެސް އެފަދަ ތަކެތި ލަގެޖުގެ ގޮތުގައި މަތިންދާބޯޓަށް އެރުވޭނޭކަމަށްވެސް އެޑިޕާޓްމަންޓުން ބުނެއެވެ.

އެމެރިކާގެ ސަލާމަތީ އިދާރާއިން ނިންމި ނިންމެވުމުގެ ސަބަބުން 10 އެއަރޕޯޓަކަށް ދަތުރުކުރާ 9 އެއަރލައިނަކަށް މިކަމުގެ ސަބަބުން އަސަރުކުރާނެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި އެއަރލައިންތައް ކަމަށްވާ، އިއްތިޙާދު އެއަރވޭސް، އެމިރޭޓްސް، ޤަތަރު އެއަލައިން، ސަޢޫދީ އެއަރލައިން އަދި ޓަރކިޝް އެއަރލައިން ހިމެނެއެވެ. މި ނިންމުމުގެ ސަބަބުން އަސަރުކުރާނެ އެއަރޕޯޓުތަކުގެ ތެރޭގައި މިސްރުގެ ކެއިރޯ އެއަރޕޯޓާއި، ސައޫދީ އަރަބިޔާގެ ކިންގް އަބްދުލްއަޒީޒް އެއަރޕޯޓާއި ކިންގް ޚާލިދު އެއަރޕޯޓު އަދި ދޫބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި ދޯހާގެ ހައްމާދު އިންޓަނޭޝަނަލް އެއަރޕޯޓު ހިމެނެއެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވީ އެފަދަ ތަކެތި މަތިންދާބޯޓަށް އެރުވުން މަނާކުރުމަށް އެއަރލައިންތަކަށް 96 ގަޑިއިރުގެ މުހުލަތެއް މިއަދު ދީފައިވާކަމަށެވެ.