ރިޕޯޓް

ވެކްސިން އެބަހުރި، އިތުރަށް ބޭނުންވިޔަސް ލިބޭނެ- ހެލްތް މިނިސްޓަރ


އިންފުލުއެންޒާ އެޗްވަންއެންވަން އަށް  ބޭނުންވާ ވެކްސިންއާއި ބޭސް، ބޭނުންވާ ވަރަށް ލިބިފައި އެބަހުރިކަމަށާއި، މިކަމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ ހުމުގެ ރޯގާއާ ގުޅިގެން އެކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.

ރާއްޖޭގައި އިންފުލުއެންޒާ އެޗްވަންއެންވަން ފެތުރެމުންދާކަން އެނގުމާއެކު، ހެލްތް މިނިސްޓްރީން ވަނީ މިކަމަށް ޚާއްސަ ޓީމެއް އެކުލަވާލައި މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން މި ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރައްވައި، ރޯގާ އިތުރަށް ނުފެތުރޭނެ ގޮތްތައް ބައްލަވައި އެކަމަށް ފިޔަވަޅު އަޅުއްވަންވަނީ ފަށްޓަވާފައެވެ. ރޯގާ ޖެހިގެން ޑޮކްޓަރައް ދައްކަން ބޭނުންވާ މީހުންނަށް  ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަވައި، ފްލޫ އަށް ޚާއްސަ ކުލިނިކްތަކެއް ޤާއިމްކޮށް ޚިދުމަތް ދެއްވަން ފަށްޓަވާފައިވެއެވެ. 

މިކަން ވެގެންދިޔައީ ރޯގާ ކޮންޓްރޯލްކުރުމަށް ކުރެވިގެންދިޔަ މުހިންމު މަސައްކަތަކަށެވެ. ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރޯގާއި ގުޅިގެން، ދޭންޖެހޭ ފަތުވާ ދިނުމަށް ބޭނުންވާ ބޭހާއި ވެކްސިން ރާއްޖޭގައި އެބަހުރިކަމަށެވެ. އެގޮތުން  ވެކްސިން ދިނުމުގައި ޢަމަލުކުރަމުންދަނީ ޑަބްލިއު އެޗްއޯއިންނާއި، ކަމާ ގުޅޭ ޓެކްނިކަލް ޓީމުން ދޭ ލަފަޔާ އެއްގޮތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

"އެންމެ ފުރަތަމަ، ހެލްތް ފެސިލިތީތަކުގައި މަސައްކަތް ކުރައްވާ މީހުންނަށް ވެކްސިން ދީ މިހާރު މާބަނޑުމީހުނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން މިގެންދަވަނީ. ފަހަރަކު ކެޓަގަރީއަކުން ޙާލަތު ދިރާސާކޮށްފައި ޓެކްނިކަލް ޓީމުން  ދެއްވާ ލަފަޔާއެއްގޮތައް އަޅުގަނޑުމެން ވެކްސިންގެ ކަންތައް ކުރިއައް ގެންދާނަން. އަޅުގަނޑުމެންނަށް ވެކްސިން ބޭނުންވާ މިންވަރަށް ވެކްސިން ލިބެމުންދަނީ މިވަގުތު ސްޓޮކްވެސް އެބަހުރި. އަޅުގަނޑުމެންނަށް މެޑިކަލް ސަޕްލައި ކޮށްދެނީ އެސްޓީއޯ އާއި ޑަބްލިއުއެޗްއޯއިން. އެހެންވީމާ މި ދެފަރާތުން އަޅުގަނޑުމެންނަށް ވެކްސިން ރިކްވެސްޓްކުރާވަރަކަށް ލިބެމުން އެބަދޭ.،" ހެލްތް މިނިސްޓަރު ވިދާޅުވިއެވެ. 

ހެލްތްމިނިސްޓަރ ވިދާޅުވީ، މިވަގުތު ވެކްސިން ދެއްވަމުން ގެންދަވަނީ މާބަނޑު މީހުންނަށް އެކަނިކަމަށާ، އިތުރު ބަޔަކަށް ވެކްސިން ދެއްވުމުގެ ކަންތައްތައް ކުރިއަށްގެންދަވާނީ ޓެކްނިކަލް ޓީމުގެ ލަފަޔާއެކުކަމަށެވެ. ހުމުގެ ރޯގާއާއި ގުޅިގެން މި ބަލީގެ ނުރައްކާތެރިކަން ބޮޑަށް ކުރިމަތިލާންޖެހޭ މީހުންނަކީ މާބަނޑު މީހުންނާއި، ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކައް ފަރުވާ ހޯދަމުންދާމީހުންނެވެ.