ރިޕޯޓް

ފުވައްމުލަކު ޢަލީ ތައްކާނެ ، ޢުމުރުން 105 އަހަރު !


އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމަޢުގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ބައެއްކެވެ. އެފަދަ އިސްރަށްވެހިންގެ ތަޖުރިބާއަކީ އަދުގެ ޒުވާނުންނަށް މުހިންމު އެއްޗެކެވެ.

ފުވައްމުލަކު ފަތަނގުމާގެ ޢަލިތައްކާނައަކީ ޢުމުރުން 105 އަހަރުގެ އިސްރަށްވެއްސެކެވެ. އޭނާގެ ޢާއިލީނަމަކީ ކަތީބުގެވަލް އަލިތައްކާނެވެ. ނަމަވެސް ފަހުން އަލިތައްކާނެ މަޝްހޫރުވެފައިވަނީ ކޮއްކޯބެއަގެ އަލިތައްކާނެގެ ނަމުންނެވެ. އުމުރުން ޤަރުނެއް ހޭދަކޮށްފައިވާއިރު، ދުނިޔޭގެ އެކިކުލަތައް އޭނާވަނީ ދެކެފައެވެ. މާޒީގެ ރަން ހަނދާންތަކުގެ ތެރެއިން އެންމެ ދުރުހަނދާން އާކުރަމުން އަލިތައްކާނު ބުނީ، ކުޑައިރު ދައްތަ އާއިއެކު މުޅޯށީގެ އެއްފަރާތުގައި ހިފައިގެން ދަރުބަލާ ދާ ހަނދާން އަދިވެސް އެބަހުރިކަމަށެވެ.

"މިރަށު މިސްކިތްމަގު ތަކުރުގެ އޮޑިއެއް ބާލަންދާ ހަނދާން މަ އެންމެ ބޮޑަށް ހުންނަނީ. އަދިވެސް އެހަނދާން އެބަހުރި ވަރަށް ރަނގަޅަށް. މަ ދައްތައާއެކު މަ ކުޑައިރު މުޅޯށީގެ އެއްފަރާތުގަ ހިފަހައްޓައިގެން އެތަނަށް ދަރުބަލާދަން.،" ޢަލިތައްކާންބެ ކިޔައިދިނެވެ. ޢަލިތައްކާނެގެ ޒުވާން އުމުރުން ދޮޅު އަހަރެއްހާ ދުވަސް އަރިއަތޮޅުގެ ބައެއް ރަށްތަކުގައި ހޭދަކުރިއެވެ. އެއަށްފަހު ދެން ދިޔައީ ވެރިރަށް މާލެއަށެވެ. މާލެއަށް އައިސް އުޅުނީ މެދުގަނޑުވަރުގައެވެ. މީލާދީން 1934ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި މުޙައްމަދު ޝަމްސުއްދީން 3ވަނަ އާއި، ދަރިކަލުން ހެންވޭރު ގަނޑުވަރު މަނިއްޕުޅު އިއްޒުއްދީން ފުވައްމުލަކަށް އަރުވާލިއެވެ. އެދުވަސްކޮޅަކީ އަލިތައްކާނެވެސް މާލޭގައި އުޅުމަށްފަހު ފުވައްމުލަކަށް އެނބުރިދިޔަ ދުވަސްކޮޅެވެ. އޭރު ކޮންމެ މަހަކު ކޮންމެވެސް އަވަށަކުން 3 މީހުން ޝަމްސުއްދީންގެ ދެބަފައިކަލުން ދިރިއުޅުއްވާ ގެކޮޅަށް މަސައްކަތްކޮށްދޭން ދާންޖެހޭކަމަށް އަލިތައްކާނުބެ ކިޔައިދިނެވެ. އެއީ ކައްކާ މީހަކާ އިއްޒުއްދީން އަރިހުގައި މަސައްކަތްކުރާނެ މީހަކާ، ޝަމްސުއްދީންގެ އަރިހުގައި މަސައްކަތްކުރާނެ މީހެއްކަމަށެވެ. ކަންދިމާކުރި ގޮތުން ޝަމްސުއްދީން ދިރިއުޅުއްވާ ގެކޮޅުގެ ކައްކާއެއްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު އަލިތައްކާނަށް ލިބުނު. އެ ފުރުސަތުގައި ހަސަން އިއްޒުއްދީނާ ބައްދަލުވެ ދެކެވުނު ވާހަކަތަކަކީ އެންމެ ޚާއްސަ ހަނދާންކަމަށް އަލިތައްކާނެ ފާހަގަކުރިއެވެ.

 "ގޮނޑިއެއް ގަނޑުވަރުން ބޭރަށް ނެރުއްވާފައި އައްސަވައިފި. އިއްޒުއްދީން ބައްލަވަން ހުރެފައި އައްސަވައިފި. ތީ ކޮންއަވަށެއްގެ ބޭފުޅެއްތޯ؟ މަ ބުނިން ފުނާޑު އަވަށު މީހެކޭ. އަނެއްކާވެސް އިންނަވާފައި އައްސަވައިފި ހަމަ ފުނާޑު އަވަށުތޯ؟ ކީކޭ ނަމަކަށް ކިޔަނީ؟  މަ ބުނެފިން އާދެ! ހަމަ ފުނާޑު އަވަށޭ! އަޅުގަނޑު ވިހައިގެން ހަތްދުވަސް ވީ ދުވަހު ނަންދީފައިވަނީ، ޢަލިތައްކާނެ ކިޔާފައޭ! އަނެއްކާވެސް އިންނަވާފައި އައްސަވައިފި. އަލިތައްކާން މަށަށް ހީވަނީ ތީ މާލޭ ކުއްޖެއްހެން. އަޅުގަނޑު ބުނެފިން. ނޫނެކޭ. ހަމަ މިރަށޭ! އިރުގަނޑެއްފަހުން އަނެއްކާވެސް އައްސަވައިފި އަލިތައްކާން މާލެ ދިޔައިމުތަ؟ އަޅުގަނޑު ބުނިން ލައްބަ! އިއްޒުއްދީން އެއްސެވި. ކޮންގެޔަކު ހުންނެވީ؟ އަހަރެން ބުނިން އަޅުގަނޑު ހުރީ މެދުގަނދުވަރުގައޭ. މެދުގަނޑުވަރުގައި ހުރިއިރު އެގޭގައި ތިބީ ކޮންބައެއްހޭ އިއްޒުއްދީން އަނެއްކާވެސް އެއްސެވި. އަހަރެން ބުނިން އެގޭގައި ތިއްބެވީ ތުއްތުމަނިއްޕުޅާއި، އަނބިކަނބަލުން ދޮންދީދީއާއި، ދެމަފިރިކަނބަލުންނޭ.," ޢަލިތައްކާންބެ އުފަލާއެކު ކިޔައިދިނެވެ.

img:http://s1.psmnews.mv/images/660x400/14900780212869.jpg|

ދިރިއުޅުމަށްޓަކައި ތަފާތު މަސައްކަތްތައް އަލިތައްކާނެ ވަނީ އޭނާގެ ޒުވާން ދުވަސްވަރު ކޮށްފައެވެ. އެއިން ކޮންމެ މަސައްކަތަކީވެސް ވަރަށް ޝައުޤާއެކު ކުރާހިތުން އޭނާ ކުރި މަސައްކަތެވެ.

"މަށަކީ ދެ ދޯނީގައި މަހަށްދިޔަ މީހެއް. މަށަކީ އަތްދަށު ވަޑާމާ، މާ ވަޑާމާ،ތެދުވަޑާމާ، ރިޔަ ވަޑާމާ ކުރި މީހެއް. ދެން ކުރި މަސައްކަތަކީ ދަނޑުގޮވާންކުރުން.," ޒުވާން ދުވަސްވަރުގެ ވާހަކަތައް އަލިތައްކާންބެ ކިޔައިދިނެވެ.

އަލިތައްކާނެވަނީ 3 ކައިވެންޏެއް ކޮށްފައެވެ. މުޅިއެކު 9 ކުދިން ލިބުނުނަމަވެސް މިހާރު ދުނިޔޭގައި ތިބީ 4 ކުދިންނެވެ. މިއަދު އަލިތައްކާނެގެ އާއިލާ ފުރިހަމަވެފައިވަނީ ކާފަ،މުނިކާފަ އަދި ހޫރުކާފަ ކިޔާ 131 ދަރިންނާއެކުއެވެ. މި ހުރިހާ އެންމެންވެސް ދުނިޔޭގައި އެބަތިްބެވެ.

"މުނިކާފަގެ ފަރާތުން ސިފަވަނީ،ވަރަށް ހިތްވަރުގަދަ ވަރަށް ސަމާސާ، ވަރަށް ހިތްހެޔޮ މީހެއް ގޮތުގައި." އަލިތައްކާނުބެގެ މުނިކާފަ ދަރިއަކު ކިޔައިދިނެވެ.

އުމުރުން ޤަރުނެއް ފުރިހަމަކޮށްފައިވާއިރު އަދިވެސް އަލިތައްކާނެ ފެންނަނީ ދުޅަހެޔޮ ކަންމަތީގައެވެ. އެކަމުގެ ސިއްރަކީ ކޮބައިތޯ އަޅުގަނޑު ސުވާލުކުރުމުން ސަމާސާ ގޮތަކަށް އޭނާ ބުނީ، އެކަމުގެ ސިއްރަކީ ޒުވާން ދުވަސްވަރު ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅުންކަމަށެވެ.

"މަށަކީ، ތަންތަނުގައި އަބަދު އޮންނަމީހެއް ނޫން. ރޭގަނޑަކަސް ދުވާލަކަސް ތަނެއްގަ އޮންނާކަށް ވަގުތެއްނުވޭ. ކޮންއިރަކު މަށަށް ތަނެއްގައި ބުރަކަށި ޖަހައިގެން އޮންނާނީ! އެހާވެސް ބުރަކޮށް އުޅުނީ. މަށަކީ ބޮއްކުރާ ބަނދެގެން ބޮއްކުރާގަ ދަތުރުކޮށް އުޅުނުމީހެއް. ހަފަލި ލާފަ އޮންނަ ބޮއްކުރާއެއް ބަނދެ މަސްވެރިކަން ކުރި މީހެއް. ކޮންއިރަކު މަ އޮށޯވެ އޮވެ އަރާމުކުރާނީ!" ޢަލިތައްކާނުބެ ކިޔައިދިނެވެ.