ދުނިޔެ

ރިމާ ޚަލަފަށް ފަލަސްޠީނުގެ އެންމެ މަތީ އިއްޒަތް!


އދގެ އަންޑަރ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުން އިސްތިއުފާދެއްވި ރިމާ ޚަލަފަށް ފަލަސްޠީނު ސަރުކާރުން އަރުވާ އެންމެ މަތީ އިއްޒަތް އަރުވައިފިއެވެ.

ރިމާ ޚަލާފް އދ.ގެ އަންޑަރ ސެކްރެޓަރީ ޖެނަރަލްކަމުގެ މަޤާމުން އިސްތިއުފާދެއްވީ އިސްރާއީލަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ޤައުމެއްކަމަށް ބަޔާންކޮށް އެކަމަނާ ވެރިޔަކަށް ހުންނަވާ އދގެ ކޮމިޝަނަކުން ޝާޢިއު ކުރި ރިޕޯޓެއް އެކޮމިޝަނުގެ ވެބްސައިޓުން ނެގުމުންނެވެ.

މިރިޕޯޓުގައި އިސްރާއީލުން ޤާއިމްކޮށްފައިވަނީ ފަލަސްޠީނު ރައްޔިތުންނާއި މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ދަޢުލަތެއްކަމަށް ބަޔާންކޮށްފައިވެއެވެ. އދގެ ހުޅަނގު އޭޝިޔާގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމާއިބެހޭ ކޮމިޝަނުން ޝާޢިއުކުރި މިރިޕޯޓް އެކޮމިޝަނުގެ ވެބްސައިޓުން ނެގީ އެމެރިކާއާއި އިސްރާއީލުން އދއަށް ބާރުއަޅައިގެނެވެ. އިސްތިއުފާދެއްވުމަށްފަހު ރިމާ ވިދާޅުވީ، އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކުން މިރިޕޯޓް އަނބުރާ ގެންދިއުމަށް އދގެ ސެކްރެޓަރީ ޖެނަރަލަށް މަޖުބޫރުކުރާނެކަން މާކުރިންވެސް އެނގޭކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ރިމާ ޚަލަފްއަށް ފޯނުން ގުޅުއްވާ ފަލަސްތީނުގެ ސަރުކާރުން އަރުވާ އެންމެ މަތީ އިއްޒަތް ދެއްވިކަން ހާމަކުރައްވާފައެވެ. އަދި އެކަމަނާގެ ހިތްވަރުފުޅަށާއި ފަލަސްތީނު ރައްޔިތުންނަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅަށް ފަލަސްތީނުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ރިމާ ޚަލަފް ވެރިޔަކަށް ހުންނަވާ ކޮމިޝަނުން ނެރުއްވި ރިޕޯޓުގައި އިސްރާއީލުގެ އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ކުށްވެރިކޮށް، އިސްރާއީލުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި ހުރިހާ ޤައުމުތަކަކުން އެއްބާރުލުން ދިނުމަށް ގޮވާލާފައިވެއެވެ.

ފަލަސްތީނުގެ ޕީއެލްއޯގެ އިސް މެމްބަރެއްކަމަށްވާ ހަނާން އަޝްރަވީ ވިދާޅުވީ އދ އިން ރިޕޯޓް ފޮރުވުމުގެ ބަދަލުގައި، އޭގައި ފާހަގަކޮށްފައިވާ ކަންކަން ތަހްޤީޤްކޮށް، އިސްރާއީލާމެދު ފިޔަވަޅު އަޅަންޖެހޭކަމަށެވެ. މިކަމާއި ގުޅޭގޮތުން އދގެ ތަރުޖަމާނެއް ވިދާޅުވީ ރިމާ ޚަލަފްގެ މައްސަލައަކީ އދގެ އިސް ފަރާތްތަކާއި މަޝްވަރާނުކޮށް ރިޕޯޓް ޝާޢިއުކުރުންކަމަށެވެ.

މަސްޜަހު ދިރާސާކުރާ ފަރާތްތަކާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުން މިފަދަ ރިޕޯޓެއް އދގެ ކަމާއިބެހޭ އިސްފަރާތްތަކަށް ނޭގި ތައްޔާރެއް ނުކުރެވޭނެއެވެ. އަދި މިރިޕޯޓުގައި ހިމެނޭ މަޢުލޫމާތު އދގެ ކަމާބެހޭ އިސްފަރާތްތަކަށް އެނގޭނޭކަމަށް ޙަބަރުތައް ބުނެއެވެ.