ދުނިޔެ

ފެންގަނޑަކަށް އެރިއުޅުނު 4 ކުއްޖަކު ގެނބިގެން މަރުވެއްޖެ


ކެމްބޯޑިއާގެ ރަށްފުށު ހިސާބެއްގައި ފެންގަނޑަކަށް އެެރިއުޅުނު 4 ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ކެމްބޯޑިއާގެ ދެކުނުގައި އޮންނަ ޓެކިއޯ ޕްރޮވިންސްގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ އުމުރުން 3 އަހަރާއި 4 އަހަރުގެ ހަތަރު ކުދިންކަމަށް އެސަރަޙައްދުގެ ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ. މީގެ ތެރޭގައި އުމުރުން 4 އަހަރުގެ އެއްމާބަނޑު ދެ ފިރިހެން ކުދިން ހިމެނޭއިރު ދެން މަރުވެފައިވަނީ އެކުދިންނާއެކު ކުޅެން އުޅުނު ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި 3 އަަހަރުގެ އަންހެން ކުއްޖެކެވެ. 

މިހާދިސާ ހިނގީ އެކުދިންގެ މައިންބަފައިންގެ އެކުދިން އެކަނި ގޭގައި ބޭތިއްބުމަށްފަހު، ދަނޑުވެރިކަންކުރަން ދަނޑަށް ގޮސް ތިބި ވަގުތެއްގައެވެ. އެހެންކަމުން މިހާދިސާ ހިންގަން މެދުވެރިވީ އެކުދިންގެ މައިންބަފައިންގެ ފަރުވާ ކުޑަކަމުންކަމަށް ފުލުހުން ބުނެއެވެ. 

ކެމްބޯޑިއާގައި ގެނބިގެން މަރުވުމަކީ ވަރަށް ޢާއްމުކޮށް ހިނގާކަމެކެވެ. އަދި މީހުން މަދު، ތަރައްޤީނުވާ ހިސާބުތަކުގައި މިކަން ވަކިން އިތުރެވެ. މިދިޔަމަހު 28 ވަނަ ދުވަހުވެސް އުމުރުން 6 އަހަރާއި 13 އަހަރާ ދެމެދުގެ 7 ކުއްޖަކު ގެނބިގެން މަރުވުމުގެ ހާދިސާއެއް ކެމްބޯޑިއާގައި ވަނީ ހިނގާފައެވެ.