ދުނިޔެ

އެމެރިކާގެ ޚާރިޖީ ވަޒީރު، ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި


ރަސްމީ ދަތުރުފުޅެއްގައި އޭޝިޔާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ރެކް ޓިލަރސަން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ގެންގުޅޭނެ ސިޔާސަތުތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އެމެރިކާއާއި ޗައިނާއާ ދެމެދު ޚިޔާލު ތަފާތުވާ މައްސަލަތަކަށްވުރެ، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ގިނަކަން ޗައިނާގެ ރައީސް ފާހަގަކުރެއްވިކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ރެކް ޓިލަރސަން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރެއްވިއެވެ. ދެގަޑިއިރެއްހާއިރު ވަންދެން ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ޓިލަރސަން ވިދާޅުވީ އުތުރު ކޮރެޔާގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލަ ހައްލުކުރުމަށް ޗައިނާއިން އެހީތެރިވެދޭން އެއްބަސްވެފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14899298871525.jpg|ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކް ޓިލަރސަން / ފޮޓޯ: ޒިންހުއާ

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ ވިދާޅުވީ އުތުރު ކޮރެޔާގެ މައްސަލައިގައި ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ވިސްނުން ބަދަލުކޮށް، މަޝްވަރާކޮށްގެން މައްސަލަތައް ޙައްލުކުރުން މުހިއްމުކަމަށެވެ.

އުތުރު ކޮރެޔާގެ މައްސަލައިގައި ޗައިނާއިން ގެންގުޅޭ ސިޔާސަތަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ފާޑު ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އެމައްސަލަ ޙައްލުކުރުމަށް ޗައިނާއިން އެކަށީގެންވާ ގޮތެއްގައި މަސައްކަތްނުކުރާކަމަށެވެ. ނަމަވެސް ޗައިނާއިން ބުނަނީ އެމެރިކާއިން އުތުރު ކޮރެޔާ ރުޅިއަރުވަން ކުރާ މަސައްކަތްތައް ހުއްޓާލައި، ޑިޕްލޮމެޓިކް ޙައްލެއް މިމައްސަލައަށް ގެންނަން ވިސްނަންޖެހޭކަމަށެވެ.