ވިޔަފާރި

ރާއްޖެއިން ބޭރުކުރާ މުދަލުގެ ނިސްބަތް ދަނީ އިތުރުވަމުން


ޤައުމެއްގެ އުފެއްދުންތެރިކަން ކުރިއަރައިގެންދާ މިންވަރު އެންމެބޮޑަށް ވަޒަންކޮށްދޭ އެއް މިންގަނޑަކީ އެޤައުމެއްގެ އެކްސްޕޯޓެވެ. ނުވަތަ އެޤައުމަކުން ބޭރުކުރާ މުދަލުގެ މިންވަރެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދީ ނާރެހަށް ބަލާލާއިރު، މިހާރު އެންމެ ފާހަގަވާ އެއްކަމަކީ ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލުގެ ނިސްބަތް އިތުރުވަމުން އަންނަކަމެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެމަސްދުވަސް ނިމިގެންދިޔައިރު، ރާއްޖޭގެ އެކްސްޕޯޓް ވަނީ، ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިފައެވެ. މި ތަފާސްހިސާބަށް ބަލާއިރު، ޖެނުއަރީ އަދި ފެބުރުއަރީމަހު ރާއްޖެއިން ބޭރުކުރި މުދަލަށް ޖެހުނު އަގު ވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ޖެހިފައެވެ.

ޖެނުއަރީމަހު 628 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު، 137 އިންސައްތައިގެ އިތުރުވުމެކެވެ. ފެބުރުއަރީ މަހު ރާއްޖެއިން ވަނީ، 373 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައެވެ. މުދަލުގެ ގޮތުގައި ރާއްޖެއިން އާއްމުގޮތެއްގައި ބޭރުކުރަނީ މަހުގެ ބާވަތްތަކެވެ.

މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއިން އެންމެގިނަ ޢަދަދަކަށް މަހުގެ ބާވަތްތައް ބޭރުކޮށްފައިވަނީ، ތައިލެންޑް، ޖަރުމަނުވިލާތް، އެމެރިކާ، ފްރާންސް، އަދި އަޔަލެންޑަށެވެ.

ސަރުކާރުން ގެންދަވަނީ، ރާއްޖެއާ ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. ދެޤައުމުގެ ދެމެދުގައި ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާ މާކެޓަށް މަހުގެ އުފެއްދުންތައް އެއްވެސް ޓެރިފެއް ނެތި ބޭރުކުރުމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެއްބިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޗައިނާ މާކެޓަށް މަހުގެ އުފެއްދުންތައް ބޭރުކުރުމުގެ ފުރުސަތު ލިބިގެންދިއުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓް އެތައް ގުނައެއް އިތުރުވެގެންދާނޭ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.