ޚަބަރު

އިއްޔެ އެކްސިޑެންޓްވި ޒުވާނާ ނިޔާވެއްޖެ


އައްޑޫގައި އިއްޔެ ހިންގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް އިތުރުފަރުވާދިނުމަށް މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. 

ޢުމުރުން 29 އަހަރުގެ ޒުވާނާ ނިޔާވީ މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އިއްޔެގެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އޭނާގެ ބޮލަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ. 

އައްޑޫސިޓީ މަރަދޫގައި ހިނގި މި އެކްސިޑެންޓެއްގައި ޒުވާނާއަށް އަނިޔާވުމުން ފުރަތަމަ ފަރުވާދިނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.މި އެކްސިޑެންޓް ހިނގާފައިވަނީ، ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގެން މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.