ދުނިޔެ

ބަންގްލަދޭޝް ސިފައިންގެ ޗެކް ޕޮއިންޓަކަށް ޙަމަލާދޭން އުޅެފި


ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފުލުހުން ހަރަކާތެރިވަމުންދިޔަ ސެކިއުރިޓީ ޗެކް ޕޮއިންޓަކަށް ގޮވާތަކެއްޗާއެކު ވަންނަން މަސައްކަތްކުރި މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، މިއަދު ހިނގި މިހާދިސާގައި އެމީހާ ގަޔަށް ބަޑިޖެހީ ބާރު ސްޕީޑުގައި ސައިކަލެއްގައި ދުއްވާފައި އައިސް، ޗެކް ޕޮއިންޓް ތެރެއަށް ވަންނަން އުޅުމުންކަމަށެވެ. އަދިި އޭނާގެ ގައިގައި ގޮވާތަކެތި ހަރުކޮށްފައި ހުރިކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިހާދިސާގައި ސިފައިންގެ ދެ މީހަކު ޒަޚަމްވެފައިވާކަމަށް އޮފިޝަލުން މަޢުލޫމާތުދެއްވައެވެ.  

މިހާދިސާ ހިނގާފައި މިވަނީ ޑާކާ އެއަރޕޯޓު ކައިރީގައި ހުންނަ އަސްކަރީ މަރުކަޒެއް ކައިރީގައި މީހަކު އަމިއްލައަށް މަރުވެގެން އިއްޔެ ހަމަލާއެއް ދީފައިވަނިކޮށެވެ. މިހާދިސާއަށްފަހު ބަންގްލަދޭޝްއިން ވަނީ އެޤައުމުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. 

މިދިޔަ އަހަރުގެ ޖުުލައިމަހުވެސް ޑާކާގައި ވަނީ ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއް ދީފައެވެ. އެހާދިސާގައި ޑާކާގައި ހުންނަ ކެފޭއެއްގެ ތެރެއަށް ހަތިޔާރު އެޅި މީހަކު ވަދެ، 22 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލިއެވެ. މިހާދިސާއާ ގުޅުންހުރި 4 މީހަކު މިދިޔަ ބުރާސްފަތި ދުވަހު ސިފައިން ހިންގި އޮޕަރޭޝަނެއްގައި ވަނީ މާރާލާފައެވެ.

ބަންގްލަދޭޝްގައި ހިންގާ ޓެރަރިސްޓް ހަރަކާތްތަކަކީ އައި.ސިސް އާއި އަލްޤައިދާއިން ހިންގާ ހަރަކާތްތަކެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިއަސް، ބަންގްލަދޭޝް ސަރުކާރުން އެކަން ދޮގުކުރެއެވެ.