ޚަބަރު

"ހެލިކޮޕްޓަރުތަކަކުން ބޭލި ފައިސާތަކެއް ވެއްދިވާހަކައަކީ ދޮގެއް"


ހެލިކޮޕްޓަރުތަކަކުން ޖުމްހޫރީ މައިދާނަށް، ފޮށިތަކެއްގައި ބޭލި ގިނަޢަދަދެއްގެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވެއްދިކަމަށްބުނެ ބަޔަކު ފަތުރަމުންދާ ވާހަކަތައް އެ އޮތޯރިޓީން ދޮގުކުރައްވައިފިއެވެ.  

އެމްއެމްއޭ އިން ނެރުއްވި ބަޔާނެއްގައިވަނީ، ހެލިކޮޕްޓަރުތަކަކުން ގެނައި ގިނަ އަދަދެއްގެ ފައިސާ އެ އޮތޯރިޓީއަށް ބޭލިކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި އެއީ އެއްވެސް މިންވަރެއްގެ ހަގީގަތެއް ހިމެނޭ ވާހަކަތަކެއް ނޫންކަމަށާ އެ އޮތޯރިޓީ އާއި އެ އޮތޯރިޓީގެ މުވައްޒަފުންނާބެހޭ ގޮތުން ދޮގު ވާހަކަ ސޯޝަލް މީޑިއާ އާއި އެހެންވެސް ވަސީލަތްތައް ބޭނުންކޮށްގެން ފަތުރަމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ވެއެވެ. 

" ހެލިކޮޕްޓަރުތަކަކުން ބޭލި ފޮށިތަކަކާ މި އޮތޯރިޓީގެ މުވައްޒަފުން ހަވާލުވިކަމަށާއި ހެލިކޮޕްޓަރުތަކަކުން ގެނައި ގިނަ އަދަދެއްގެ ފައިސާ މި އޮތޯރިޓީއަށް ބޭލިކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އެއްވެސް މިންވަރެއްގެ ހަގީގަތެއް ހިމެނޭ ވާހަކަތަކެއް ނޫނެވެ. މި އޮތޯރިޓީ އާއި މި އޮތޯރިޓީގެ މުވައްޒަފުންނާބެހޭ ގޮތުން ދޮގު ވާހަކަ ސޯޝަލް މީޑިއާ އާއި އެހެންވެސް ވަސީލަތްތައް ބޭނުންކޮށްގެން ފަތުރަމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަމެވެ." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.       

ބައެއް ސިޔާސީ ފަރާތްތަކުން އެ އޮތޯރިޓީއާ ގުޅޭގޮތުން އެއްވެސް ހަޤީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަަަކަތައް ދައްކަމުން ގެންދާތީ، އެކަމާ ކަންްބޮޑުވާކަނަށާ އެފަދަ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ދައްކަމުންދަނީ، ސިޔާސީ ބޭނުންތައް ހާސިލުކުރުމަށްޓަކައި، އެ އޮތޯރިޓީ އާއި ރާއްޖޭގެ މާލީ ނިޒާމާމެދު އާންމުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ނަގާލާ، ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ނަގާލުމަށް ކަމަށްވެސް އެމްއެމްއޭއިން ތުހުމަތު ކުރައްވާފައިވެއެވެ.