ދުނިޔެ

ޕާސްޕޯޓުގެ ބަދަލުގައި އައި.ޑީ ކާޑު ބޭނުންކުރަނީ


ތުރުކީއާއި ޔޫކްރެއިންގެ ރައްޔިތުން އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރާއިރު ޕާސްޕޯޓުގެ ބަދަލުގައި ހަމައެކަނި އައި.ޑީ ކާޑެއް ބޭނުންކޮށްގެން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. 

އައި.ޑީ ކާޑެއް ބޭނުންކޮށްގެން ތުރުކީއާއި ޔޫކްރެއިނާ ދެމެދު ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސާފައި މިވަނީ ފަތުރުވެރިކަން ފުޅާކޮށް، ކުރިއެރުވުމަށް ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތުރުކީވިލާތުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ޔޫކްރެއިންގެ ބޮޑުވަޒީރު މިހާރު ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. 

ޔޫރަޕްގެ އެހެން ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރަކަށް ބަލާ، ތުރުކީން ދަނީ ޔޫކްރެއިނާއި ރަޝިޔާގެ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ޕާސްޕޯޓުގެ ބަދަލުގައި އައި.ޑީ ކާޑެއް ބޭނުންކޮށްގެން ޔޫކްރެއިނާއި ތުރުކީއާ ދެމެދު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި މިވަނީ އެދެޤައުމުގެ ގުޅުމަށް 25 އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައެވެ.