ދުނިޔެ

ޓްރަމްޕް، ސަޢޫދީ ވަލީއަހުދުގެ ނައިބާ ބައްދަލުކުރައްވައިފި


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ސަޢޫދީ އަރަބިއްޔާގެ ވަލީ އަޙުދުގެ ނާއިބު އަދި ޑިފެންސް މިނިސްޓަރ، ޕްރިންސް މުހައްމަދު ބިން ސަލްމާން އާލް ސަޢޫދުއާ ބައްދަލުކުރައްވައިފިއެވެ. އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވެވި މިބައްދަލުކުރެއްވުމަކީ އެމެރިކާގެ ވެރިކަމާ ޑޮނާލްޑް ޓްރަމްޕް ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ހަވާލުވެވަޑައިގަތުމަށްފަހު، ޢަރަބި އަދި އިސްލާމީ ޤައުމެއްގެ އެންމެ އިސްވެރިޔަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. 

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރަށް، ދުނިޔޭގައި ހިނގަމުންދާ ބޮޑެތި މައްސަލަތަކާބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމުން އަރައިގަތުމަށް ދެޤައުމުން ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި އީރާނުން އެހެން ޤައުމުތަކުގެ ދާޚިލީ މައްސަލަތަކަށް ވަންނަމުންދާ މައްސަލައިގައި ސަޢޫދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅުތަކަށް ޓްރަމްޕް ތަޢުރީފްކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/14895607966327.jpg|ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ޖާފަތުގެ ތެރެއިން / ފޮޓޯ: ވައިޓް ހައުސް

ޓްރަމްޕް ދެކެވަޑައިގެންނަވާ ގޮތުގައި މިހާރު ޢަރަބި ދުނިޔޭގައި ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ސަޢޫދީ އަރަބިއްޔާއާއި ގަލްފުގެ އެހެން ޤައުމުތަކުގެ އެހީ މުހިއްމުވެ. މީގެ ތެރޭގައި ސީރިޔާގެ މައްސަލައާއި ފަލަސްޠީނާއި އިސްރާއިލުގެ މައްސަލަވެސް ހިމެނެއެވެ. 

ޢާއްމު ގޮތެއްގައި ފޮޓޯގްރާފަރުންނަށް އޮންނަނީ އެމެރިކާގެ ރައީސް، ބޭރުގެ ޤައުމެއްގެ އެންމެ މަތީ ވެރިޔަކާއެކު ބާއްވަވާ ބައްދަލުވުންތަކުގައި ފޮޓޯ ނެގުމުގެ ހުއްދައެވެ. ނަމަވެސް ޓްރަމްޕް ވަނީ މިބައްދަލުކުރެއްވުމުގެ ފޮޓޯ ނެގުމުގެ ހުއްދަ ދެއްވާފައެވެ. ސަޢޫދީ ރަސްގެފާނުގެ ދަރިކަލުން، މުހައްމަދު ބިން ސަލްމާންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި ވައިޓް ހައުސްގައި މެންދުރުގެ ޖާފަތެއް ޓްރަމްޕް ބޭއްވެވިއެވެ.