ދުނިޔެ

މޫސަލްގައި ހަރަކާތްތެރިވާ އައިސިސްގެ ކޮމާންޑަރު މަރާލައިފި


މޫސަލްގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް، އައިސިސްގެ ކޮމާންޑަރު މަރާލެވިއްޖެކަމަށް އިރާޤު ސަރުކާރުން ހާމަކޮށްފިއެވެ.

އިރާޤުގައި އައިސިސްގެ ބާރު ގަދަކޮށް އޮތް ހަމައެކަނި ސިޓީ އަދި އެމީހުން ވެރިރަށެއްކަމަށް ބަލާ، މޫސަލްގެ ކޮމާންޑަރު މަރާލާފައިވަނީ ބާބް އަލް ތުބް ނަމަކަށްކިޔާ އަވަށަކުން އައިސިސްގެ ހަނގުރާމަވެރިން ހުސްކުރުމަށް ހިންގި އޮޕަރޭޝަނެއްގައިކަމަށް އިރާޤުން ސަރުކާރުން ހާމަކުރެއެވެ. 

މޫސަލްގައި ހަރަކާތްތެރިވަމުންދިޔަ އައިސިސްގެ ކޮމާންޑަރު މަރާލުން ވެގެން ގޮސްފައިވަނީ މޫސަލްގެ ކޮންޓްރޯލް އައިސިސްއަށް ގެއްލެމުންދާ ދަނޑިވަޅެއްގައި ލިބުނު އިތުރު ގެއްލުމަކަށެވެ. 

img:http://s1.psmnews.mv/images/660x400/14895571544990.JPG|މޫސަލްގައި ލިބުނު ކާމިޔާބީ އިރާޤު ސިފައިން ފާހަގަކުރަނީ / މޫސަލް ސަރުކާރުގެ ބާރުގެ ދަށަށް ވަރަށް އަވަހަށް ގެނެވޭނެކަމަށް ބެލެވޭ

އިރާޤު ސިފައިން މިހާރު މަސައްކަތްކުރަމުންދަނީ އިރުމަތީ މޫސަލް އާއި ހުޅަނގު މޫސަލް ގުޅުވައިދޭ މުހިއްމު ބްރިޖެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށެވެ. މިބްރިޖު ސަރުކާރުގެ ބާރުގެ ދަށަށް ގެނެވުމުން މޫސަލްގެ މުހިއްމު 5 ބްރިޖެއްގެ ތެރެއިން 3 ބްރިޖުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެވުނީއެވެ. ސަރުކާރުގެ ބާރުގެ ދަށުގައި މިވަގުތު މޫސަލްގެ އެންމެ ދެކުނުގައި ހުރި ދެ ބްރިޖެއް އެބައޮތެވެ. 

ނަމަވެސް ފިލާ ތިބެގެން، އައިސިސްގެ ހަނގުރާމަވެރިން ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން އިރާޤު ސިފައިންގެ ޙަަމަލާތައް ކޮންމެވެސް ވަރަކަށް ވަނީ މަޑުޖައްސާލާފައެވެ. 

އޮކްޓޫބަރުމަހު މޫސަލް ހިފުމަށް އިރާޤާއި އެމެރިކާގެ ގުޅިފައިވާ ލަޝްކަރުން ދޭން ފެށި ޙަމަލާތަކުގައި މޫސަލްގެ އިރުމަތި ސަރުކާރުގެ ބާރުގެ ދަށަށް ގެނެވިފައިވާއިރު، މޫސަލްގެ ހުޅަނގުގެ 30 އިންސައްތަވަނީ ސަރުކާރުގެ ބާރުގެ ދަށުގައެވެ.