ތަޢުލީމު

އިންޓަރ ސްކޫލް ޤުރުއާން މުބާރާތް މާދަމާ ފެށޭނެ


ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައްވައިގެން ޤުރުއާނާބެހޭ މަރުކަޒުން ބާއްވަވާ ފުރަތަމަ ޤުރުއާން މުބާރާތް މާދަމާ ފަށްޓަވާނެއެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރެއްވުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިވަޑައިގެން ބޭއްވެވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މިއީ ހަމައެކަނި ސްކޫލްތަކަށް އަމާޒުކުރައްވައިގެން އެ މަރުކަޒުން ބާއްވަވާ ފުރަތަމަ ޤުރުއާން މުބާރާތެވެ.

ތިން ބަޔަކަށް ބައްސަވާލައްވައިގެން ބާއްވަވާ މި މުބާރާތުގައި އުމުރުފުރާތައް ގިންތި ކުރައްވާފައެއް ނުވެއެވެ. މި މުބާރާތުގައި ހިމެނެނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައި އަދި ޙިފްޒުކޮށް ކިޔެވުމުގެ ބައެވެ. އަދި މުބާރާތުގައި ދަރިވަރުން ވާދަކުރަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅުއްވާފައިވާ އުޞޫލެއްގެ ދަށުންނެވެ. އެގޮތުން މާލޭ ސިޓީގެ ކޮންމެ ސްކޫލަކުން 6 ދަރިވަރުންނަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އައްޑޫސިޓީގެ ސްކޫލްތަކުން 18 ދަރިވަރުން މުބާރާތުގައި ވާދަކުރާއިރު ފެލިދެއަތޮޅުގެ ސްކޫލްތަކުން މުބާރާތުގައި ވާދަކުރާނީ 6 ދަރިވަރުންނެވެ. އަދި އެހެން ކޮންމެ އަތޮޅެއްގެ ސްކޫލްތަކުން މުބާރާތުގައި ވާދަކުރާނީ 12 ދަރިވަރުންނެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުންވެސް އެންމެ މޮޅު 5 ދަރިވަރުން ހޮއްވަވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ކޮންމެ ބަޔަކުންވެސް އެއްވަނަ ޙާޞިލްކުރާ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ ޚާއްޞަ އިނާމު ލިބޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން ހާމަކުރައްވައެވެ.

އަންނަ މެއި މަހުގެ 18-28 އަށް ތުރުކީގައި ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތެއްގައި ވާދަކުރާނެ ބައިވެރިއަކު ހޯދުމަށް ވެސް ޤުރުއާނާއި ބެހޭ މަރުކަޒުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.