ސިއްހަތު

ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިއުމަށް އިލްތިމާސްކޮށްފި


މިދުވަސްވަރު އަރިދަފުސް ރޯގާއެއް ފެތުރެމުންދާތީ ހޮސްޕިޓަލުގައި އޮންނަ ބަލި މީހުން ކައިރިޔަށް ޒިޔާރަތްކުރާއިރު 12 އަހަރުންދަށުގެ ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިއުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއިން އިލްތިމާސްކުރައްވައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ހޮސްޕިޓަލުގައި އޮންނަ ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށް އިލްތިމާސްކުރެއްވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ފެތުރެމުންދާ ވައިރަލް ހުމާއި އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. މީގެ އިތުރުން ބަލި މީހުންނަށް ޒިޔާރަތްކުރާ ގަޑިއަށްވެސް އައިޖީއެމްއެޗުން މިއަދު ވަނީ ބަދަލު ގެންނަވާފައެވެ. ކުރިން ހަވީރު ފަހަކުން އަށަކަށް ބަލި މީހުން ގާތަށް ޒިޔާރަތްކުރެވޭއިރު، މިހާރު އެގަޑި ވަނީ ހަވީރު ފަހަކުން ހަތަކަށް ބަދަލުކުރައްވާފައެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ވިދާޅުވީ މިހާރު ފެތުރެމުންދާ ވައިރަލް ހުމާއި އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ އައިޖީއެމްއެޗުގައި ޤާއިމްކުރައްވާފައިވާފައިވާ ޕޫލް ކްލިނިކަށް ވަޑައިގެން ޑޮކްޓަރަށް ދެއްކެވުމަށެވެ.